މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެވެސް އެއްބަޔަކަށް ވަރަށް ފަސޭހަކަމާއެކު އެ މީހަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކު ހިޔާރުކުރެވޭނެ އެވެ. އެހެނަސް އެންމެންނަށް އެކަން ފަސޭހަ ނުވާނެ އެވެ. އޭގެ ތެރެއިން އެއްބަޔަކީ ފުވައްމުލަކު ސިޓީގެ މެދު އުތުރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފިކުރީ އަހުމަދު އަސްލަމާއި އެ ދެބެއިންގެ އާއިލާ މެމްބަރުންނަށެވެ.

އަސްލަމް އާއި ފިކުރީ އަކީ ދެ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ދެ ބެއިންގެ ވެސް ފިކުރު ތަފާތެވެ. އަސްލަމަކީ އިދިކޮޅު ޕީޕީއެމް ފިކުރުގެ މީހެކެވެ. ފިކުރީއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކެންޑިޑޭޓެވެ. މި ދެ ފިކުރަކީ އެއް ފިކުރު އަނެއް ފިކުރާއި ގުޅިލާމެހިގެން މަސައްކަތް ކުރެވޭނެ ފިކުރެއް ނޫނެވެ.

ސިޔާސީ ގޮތުން ވާދަވެރި މި ދެ ފިކުރުގެ އެއް ދާއިރާއަކަށް ވާދަކުރާއިރު އާއިލީ މަސްލަހަތު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެއީ ރާއްޖޭގައި ކޮންމެ ހިސާބެއްގައި ވެސް ކަން ހިނގާ ގޮތެވެ. އެހެންކަމުން އަސްލަމް އާއި ފިކުރީގެ އާއިލާ މީހުންނަށް ދެ ބެއިންގެ ތެރެއިން އެކަކަށް ވޯޓުލުމަކީ ދަތި ކަމެކެވެ. ދެ ބައިންނަށް ވޯޓު ދީފިނަމަ އެ ވޯޓު ބާތިލުވާނެ އެވެ.

މި ދެބައިންގެ އާއިލާގެ މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން މިއަދު ބުނީ ދެ ބައިންގެ ތެރެއަށް ވަކި މީހަކަށް ވޯޓު ލާން އުނދަގޫވާނެ ކަމަށެވެ. އަދި މިއީ އެ ދެ މީހުން އިންތިހާބެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވުމުން ވޯޓު ދޭނެ މީހަކު ނިންމަން އުނދަގޫ ކަމަށް ވެސް އާއިލާ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުވައްމުލަކީ އާބާދީ ބޮޑު ރަށަކަށް ވުމުން އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ފޯރި ވަކިން ގަދަވެ އެވެ. ރަށުގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުން ވެސް ގިނަ އެވެ.

އެހެންކަމުން ދެ ބެއިންގެ ވާދަވެރިކަން ނިމޭނީ ކޮންކޮޅަކަށްތޯ ބަލަން ޖެހޭނީ ވޯޓު ގުނާ ނިމެންދަން މަޑު ކޮށްލާށެވެ.