ކަޅު ބާޒާރުގައި ޑޮލަރު ރޭޓްގެ އަގު 20ރ. އަށް އަރައިފި އެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާ ކަމަށް ވިޔަސް ދިވެހި ރައްޔިތަކަށް އެ ރޭޓްގައި ޑޮލަރެއް ނުލިބެ އެވެ.

ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓް ދުވަހެއް ދުވަހަކަށް އަންނަނީ މަތިވަމުންނެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ދީފިނަމަ މިހާރު ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ވެސް ޑޮލަރުގެ ރޭޓް ހެޔޮވާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ރިސޯޓްތަކުން އެމްއެމްއޭއަށް ވަކި ވަރަކަށް ކޮންމެ މަހަކު ޑޮލަރު މާރުކުރުން މަޖުބޫރު ގާނޫނެއް ހެދިފަހުން ވެސް ޑޮލަރު ރޭޓް ވަނީ މައްޗެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޑޮލަރު ރޭޓް ހުރީ 19.50 ގަ އެވެ.