ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން"ގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފަސްކޮށްދިނުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އެދިވަޑައިގެންފި އެވެ.

"ފޭކު ޕްރިންސް" އަކާ ބައްދަލުކުރިކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން އެ ބައްދަލުވުމުގެ ހަބަރުތަކާއި ފޮޓޯތައް އަދި ވީޑިއޯތައް ޑިލިޓް ކޮށްލާފަ އެވެ.

މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް ހަތަރު ސުވާލެއް ހުށަހަޅާފަ އެވެ. އެއީ ފަހަދްއަކީ، ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްތޯ އާއި، އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯ އާއި، އެއީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް އެއްވެސް އަސަރެއްކޮށްފާނެތޯ އެވެ.

މީކާއީލް މަޖިލީހަށް ހުށަހެޅުއްވި މި މައްސަލަ އަށް މިނިސްޓަރު ޖަވާބުދާރީވުން ތާވަލުކޮށްފައި އޮތީ މިއަދަށެވެ.

އެހެންނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެއްލެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިނިސްޓަރު ހާޒިރުވާންޖެހޭ އެހެން ރަސްމީ މަސައްކަތެއް މަޖިލީހަށް ހާޒިރުވާންޖެހޭ ވަގުތާ ދިމާކޮށް އޮތުމުން އެ ސުވާލު އެހެން ތާރީހަކަށް ފަސްކޮށްދިނުމަށް އެދިވަޑައިގެންފައިވާކަމަށެވެ.

އެހެންކަމުން ދެން އެންމެ އަވަހަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ތާރީހެއްގައި އެ ސުވާލު އެޖެންޑާ ކުރާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

"ފޭކް ޕްރިންސް" ރާއްޖެ އައީ ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޭރުވެސް އޭނާ އަކީ ސައުދީގެ ޕްރިންސެއް ނޫންކަމަށް ނޫސްތަކުން ރިޕޯޓްކުރި އެވެ.