ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 2،280 މީހުން އެބަތިބި ކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމަށެވެ.
މިގޮތުން ސިޔާސީ މުއައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 2280 މީހުން ތިބިކަމަށާއި، މިފަދައިން ވިދާޅުވަނީ އެ އަދަދު މި ސަރުކާރުގެ ޑޮކިއުމަންޓުން ފެނިގެން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ސިޔާސީ މުވައްޒަފުންގެ ގޮތުގައި އެބަ ތިބި ގާތްގަނޑަކަށް 2280 މީހުން. އަޅުގަނޑު އެ އަދަދު މި ސަރުކާރުގެ ޑޮކިއުމަންޓުން ފެނިގެން މި ވާހަކަ މި ދައްކަނީ،" އަމީރު ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓު އުނިކުރާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވާކަން ފާހަގަކޮށް އަމީރު ވިދާޅުވީ އެ މިންވަރު އުނިކުރި ނަމަވެސް 2030 ސިޔާސީ މުވައްޒަފުން މި ސަރުކާރުގައި ތިބޭނެ ކަމަށާއި، މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާ އުސޫލުން އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ އަދަދު ގުނާ ނަމަ، އެ އަދަދު 400 އަށްވެސް ނާރާނެ ކަމަށެވެ.
އަމީރު ވިދާޅުވީމި ސަރުކާރުގެ ބަޖެޓުތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައި ނެތް ކަމަށާއި، މިއާއި ހިލާފަށް މިދިޔަ ސަރުކާރުން އެ އަދަދުތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި ހުންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ސިޔާސީ މަގާމްތަކުގައި މިވަގުތު ތިބި ކަމަށް ރައީސް އޮފީހުން ބުނާ އަދަދުތައް:
ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
- އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
މީގެކުރިން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ސިޔާސީ މަގާމްތަކުން ވަކި އަދަދަކަށް ބޭފުޅުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ އެކްސްގައި ނަންބަރުތަކެއް ހިއްސާކުރައްވާފަ އެވެ. ހީނާ އެ ވިދާޅުވި ވަކިކުރި މީހުންގެ ނަމާއި މަގާމް ހޯދަން "ހުރިހާ" އިން އާރްޓީއައި ހުށަހެޅުމުން ރައީސް އޮފީހުން ޖަވާބު ދީފައެއް ނުވެ އެވެ.