މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، އަދި މަގުމަތި ބޭނުން ކުރާ މީހުންގެ ފުރާނައަށް ބެލުމެއް ނެތި، އިންޖީނުލީ އުޅަނދު ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގައި މީހަކު މަރުނުވިޔަސް ޒިންމާ ނަގަންޖެހޭގޮތް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މީކާއީލް ވިދާޅުވީ މީހަކު މަރުވެދާނެ ނުވަތަ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، އަދި މަގުމަތި ބޭނުން ކުރާ ބައެއް ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއްނެތް ގޮތަށް، އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކެއް ނުހިމެނޭ ކަމަށެވެ.

އެގޮތަށް އޮތުމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓެއްގައި މީހަކު މަރުވެގެން ނޫންގޮތަށް ދައުވާއެއް ނުކުރެވެ އެވެ.

މީކާއީލް ވިދާޅުވީ މި އިސްލާހުގެ ސަބަބުން، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ލިބުމަށް ފަހިވާނެ ކަމަށެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައި މިވަނީ މާލެ ސަރަހައްދުގަައި އެކްސިޑެންޓްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.