ފަލަސްތީނުގެ މައްސަލައާ ގުޅިގެން އދ. ގައި އޮތް ކޮންފެރެންސްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިނުގެންނެވުމުން، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފާޑުވިދާޅުވެއްޖެ އެވެ.

އެެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ މި ކޮންފަރެންސް ފެށީ ހޯމަ ދުވަހު އެވެ.

ޓޫ ސްޓޭޓް ސޮލިއުޝަންގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްވަރާ ކޮންފަރެންސް އަކީ ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން، ފަލަސްޠީނުގެ މައްސަލައާ ގުޅިގެން، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

އެކަމާ ގުޅިގެން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން އަވަސް ކުރުމަށް ކުރިއަށް ގެންދާ މުހިންމު ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވެފައިވުމަކީ ހިތްވަރެއް ކަމަށެވެ.

އެހެން ނަމަވެސް، އެ ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރުމަށް މިނިސްޓަރު ބައިވެރިވުމުގެ ބަދަލުގައި، ރާއްޖޭގައި އޮތް ޖާފަތެއްގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޚަލީލް ދެކެވަޑައިގަތުމަކީ ލަދުވެތިކަމެއް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ފައްޔާޒު ވިދާޅުވެފައި ވަނީ، އެކަމުގައި ރާއްޖެ އިން އަމަލު ކުރި ގޮތުން ދޭހަކޮށްދެނީ ކަންބޮޑުވާ މެސެޖެއް ކަމަަށާއި އެއީ ފަަލަސްތީނުގެ މައްސަލަ އާއި، ފަލަސްތީނާ މެދު ރާއްޖެ އިން އިސްކަން ދެމުން އަންނަ މިންވަރާ ގުޅޭ ކަންބޮޑުވުމެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ކުރިއަށްދާ ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖޭގެ ރަައްޔިތުން ބޭނުން ވާނީ ރައީސް މުހައްމަދު މުއިއްޒު ކަމަށެވެ. ނުވަތަ އެންމެ ކުޑަ މިނުން ޚަލީލްގެ ބައިވެރިވުން ބޭނުން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިއަ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން ތަފާތު އެކި ފެންވަރުގެ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ކޮންފަރެންސްގައި ފްރާންސްގެ ފޮރިން މިނިސްޓަރާއި ކެނެޑާގެ ފޮރިން މިނިސްޓަރު، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.