އެމްޑީޕީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވެ, އެ ޕާޓީން ގައުމީ އެއާލައިނަށް ދޭންޖެހޭ ފައިސާ ނުދެއްކި އޮއްވާ ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީން ކުރި ކެމްޕެއިން ދަތުރުތަކަށް ދޭންޖެހޭ 5.6 މިލިއަން ރުފިޔާ ބަހާލައިގެން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށް އެ ޕާޓީ އާއި މޯލްޑިވިއަންއާ ދެމެދު އެއްބަސްވުމެއް ހެދި ނަމަވެސް މި އަހަރު ދައްކަންޖެހޭ ފައިސާ ދައްކާފައެއް ނުވެއެވެ.

އެމްޑީޕީން ދެ މިލިއަން ރުފިޔާ ދެއްކި ނަމަވެސް މިއަހަރު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ނުދެއްކުނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ކޯޓުގައި ބުނެފައިވެ އެވެ. އަދި ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނެވެ.

ނަމަވެސް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިތުރު ފުރުސަތެއް ދޭން އިންކާރު ކޮށްފައިވާތީ ސިވިލް ކޯޓުން އިއްޔެ ވަނީ ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފަ އެވެ.

އެމްޑީޕީން އައިލެންޑް އޭވިއޭޝަނާ ކުރިން އެކު ސެޓްލްމަންޓް އެއްބަސްވުމެއް ކުރިން ހެދީ އެ ފައިސާ ނުދީގެން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ. އަދި ކުރިން އެހެން ބައެއް ޕާޓީތަކުން މޯލްޑިވިއަންއަށް ފައިސާ ނުދޭތީ ކޯޓު މެދުވެރިކޮށް ފައިސާ ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމް ހިމެނެ އެވެ.