ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ސައުދީ އަރަބިއާގެ އެހީތެރިކަމާ އެކު މާލޭގައި ގާއިމް ކުރި ކިންގް ސަލްމާން މިސްކިތް ނުހުޅުވިގެން އުޅެނީ އެތަނުގެ ވަސީލަތްތައް ގާއިމް ނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައި ވަނީ އެ މިސްކިތުން ޚިދުމަތްތަކެއް ދެވޭ ގޮތަށް ކަމަށާއި ނަމަވެސް އެ ޚިދުމަތްތައް ދިނުމަށް ގާއިމް ކުރަންޖެހޭ ވަސީލަތްތައް އަދި ގާއިމް ނުކުރެވޭ ކަމަށެވެ.

"ގާއިމްކުރަން ޖެހޭ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާތީ، ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތޔް ދިވެހި ދައުލަތާއި ސައުދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ވާހަކަ ދަންނަވަން،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި މިސްކިތް ހުޅުވަން ސައުދީން ފޮނުވާ ވަފްދަށް ރާއްޖެ އާދެވެން ނެތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޖުމްލަ 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ގާއިމް ކޮށްފައިވާ އެ މިސްކިތުގެ ޕްރޮޖެކްޓަށް ސައުދީ ސަރުކާރުން ވަނީ ހިލޭ އެހީގެ ގޮތުގައި 14.5 މިލިއަން ޑޮލަރު ދީފަ އެވެ.

އެ މިސްކިތުގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ނަމާދު ކުރަން ޚާއްސަކޮށްފައި ވަނީ ފުރަތަމަ ދެ ފްލޯ އެވެ. އެ މިސްކިތުގެ ތިން ވަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމް ހުރެ އެވެ. ހަމައެހެންމެ ހަތަރުވަނަ ފްލޯގައި ލައިބްރަރީ އަކާއި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެ އެވެ. އެ މިސްކިތުގެ ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވެސް ހުރެ އެވެ.