ކައުންސިލުތަކުން ވިޔަފާރި ކުރުމާއި ވަޒީފާ ދިނުމުގެ ހައްގު ހިމެނޭ ގޮތަށް ލިބިދީފައިވާ ބާރުތައް ހަނި ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އަނބުދާ ގެންދިޔުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދުު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހު މިފަދައިން ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަނީ ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބޭ ބާރު ހަނި ކުރަން ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، އެ އިސްލާހުތަކަކީ މަރުކަޒީ ވިސްނުމުގައި ލާމަރުކަޒީ ނިޒާމު ގަޑުބަޑުކުރަން ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. އެކަމުގެ ހިތި ނަތީޖާ ލިބޭނީ ރައްޔިތުންނަށް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

އަދި މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"2019 ވަނައަހަރު ގެނެވުނު އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް. މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލަން،".
ސޯލިހު ވިދާޅުވި އެވެ

ސޯލިހު ވިދާޅުވީ ފެހި ގާނޫނުއަސާސީއިން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށާއި އެކި ވެރިކަމުގައި އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ސޯލިހު ވިދާޅުވީ ރަށްތައް ތަރައްގީ ކުރުމުގެ ބާރު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.