ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ މަސްލަހަތަށް އުނިކަން އަންނާނެހެން ފްލެޓުތަކުގެ ގުރު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ހައުސިން މިނިސްޓްރީން އޭސީސީއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިނުމުގެ އުސޫލުގައި ވާގޮތުން ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުން ކަނޑައެޅުމަށް ފުރަތަމަ ބުރުގައި ގުރު ނަގާނީ 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު މީހުންގެ މެދުގައި ކަމަށެވެ. ނަމަވެސް 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ބައެއް މީހުންގެ ގުރު ނުނަގައި 75 ޕޮއިންޓް ލިބުނު މީހުންގެ ގުރު ނަގާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެއީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދީ، ވަކި ބަޔަކަށް ގެއްލުންދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ މިނިސްޓްރީން ބުނީ 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު 301 މީހެއްގެ ގުރު ނަގަންޖެހޭއިރު، އެ މީހުންގެ ގުރުއަތު ނަގާފައިނުވާ ކަމަށެވެ. 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު 315 މީހުންގެ ގުރު މިދިޔަ ސަރުކާރުން ނެގި އެވެ.

އެ 301 މީހުންގެ ގުރުއަތުލުން ނުބާއްވައި 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނަގާފައިވުމަކީ ވަކި ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ހައުސިން މިނިސްޓްރީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ފްލެޓް ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދީފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އިތުރު ބައެއްގެ މައްސަލަ ވެސް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.