ލުބުނާނުގެ ހަތިޔާރު ގުދަނެއް ބަލައި ފާސްކޮށް އެ ގުދަނުގައި ހުރި ހަތިޔާރު ރައްކާތެރިކަމާއެކު ރޫޅައިލަމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ބާރުގަދަ ގޮވުމެއް ގޮވައި، އެ ގައުމުގެ ހަ ސިފައިން މަރުވެއްޖެއެވެ.

މިކަން ހާމަކުރީ ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގަ އެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އެ ގައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޞޫރުގައި ގޮވުން ގޮވުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައެއް ސަލާމަތީ މަސްދަރުތަކުން ބުނީ ގޮވުން މެދުވެރިވީ ޔަހޫދީންނާއި ލުބުނާނުގެ ހިޒްބުاللهއާ ދެމެދު ޞޫރުގައި ކުރި ހަނގުރާމައިގައި ބޭނުންކޮށްފައި ހުރި ހަތިޔާރުތަކެއްގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ ހިޒްބުاللهއަށް އަމާޒުކޮށް ލުބުނާނަށް ވަރުގަދަ ޙަމަލާތަކެއް ދީފަ އެވެ. އެއީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތަކުގެ ސަބަބުން ހިޒްބުاللهއިން ޣައްޒާއަށް ވާގިވެރިވުމުގެ ގޮތުން ސަރަހައްދީ ރޮނގު ކައިރީގައިވާ ޔަހޫދީ އަސްކަރީ މަގާމުތަކަށް ހަމަލާދޭން ފެށުމުންނެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ވަނީ ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ އަސްކަރިއްޔާ ނޫން އެެހެން ޖަމާއަތްތަކުން ގެންގުޅޭ ހަތިޔާރުތައް އަތުލަން ޖެހެ އެވެ.

ނަމަވެސް އޭގެ ބަދަލުގައި ޔަހޫދީން ލުބުނާނަށް ހަމަލާ ދިނުން ހުއްޓައިލުމަށް އެއްބަސްވުމުގައި ޝަރުތުކޮށްފައިވެ އެވެ.