ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީއަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ނ. ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވީ މުހައްމަދު ނަވީޒު އެވެ.

އެ މަގާމަށް އޭނާ އައްޔަނު ކުރުމާ ގުޅިގެން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ މުއިއްޒުގެ ވައުދެކެވެ. ނަމަވެސް އެ އަދަދަށް ވުރެ މިހާރުވެސް އިތުރުވެފައިވާ ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ތަފްސީލު ހާމަކުރަމުން ނުގެއްދާއިރު، ސިޔާސީ މަގާމުތަކުގެ އަދަދު 3000 އާ ގާތްކުރާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރުމުން ސަރުކާރުން އިއުލާނުކޮށްފައި ވަނީ މިހާރު ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމުގަ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މި އަދަދުތަކުގެ ތަފްސީލުތައް ރައީސް އޮފީހުގެ ވެބްސައިޓުތަކުގައި ވެސް އާންމުކުރަމުން ނުދާއިރު، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި ސާއިއު ކުރުން ހުއްޓައިލީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށި ފަހުންނެވެ.