ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގި ބިމުގެ ކުއްޔަށް ސްޓްރާޑާއިން 1.1 މިލިއަން ރުފިޔާ ނުދައްކާ މައްސަލަ ދައުލަތުން އެދިގެން ސިވިލް ކޯޓުން ބާތިލްކޮށްފި އެވެ.

ކުރީގެ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިރު ރަމީޒުގެ ސްޓްރާޑާ ކުންފުންޏަށް ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކުރަން ދީފައިވަނީ ސެޕްޓެމްބަރު، 2016 ގައި ސަރުކާރުން ހަވާލުކޮށްފައި ވަނިކޮށް ސިވިލް ކޯޓުން 2019 ވަނަ އަހަރު ވަނީ އެ ބިން ދައުލަތާ ހަވާލުކޮށް އަދި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފަ އެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ފަށާފައި ވަނިކޮށް ދައުލަތުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ އިތުރަށް މުރާޖާކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. އެހެންކަމުން ކޯޓުން އިއްޔެ ވަނީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ.

އެ ބިން ހަވާލުކުރުމަށާއި 1.1 މިލިއަން ދައްކަން އެންގި މައްސަލަ ސްޓްރާޑާއިން އިސްތިއުނާފްކުރި ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ އެ ހުކުމް ދަމަހައްޓައިފަ އެވެ.