ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައި ވަނިކޮށް ފްލެޓް އަތުލި މީހަކު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ކޯޓުން މައްސަލަ ނުނިންމަނީސް އޭނާއަށް ދޫކޮށްފައިވާ ފްލެޓް އެހެން އެއްވެސް މީހަކު ދިނުން މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އެ މައްސަލަ ހުށަހެޅުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ، ޝަރީއަތުން މައްސަލަ ނުނިމެނީސް އެ މީހާއަށް ލިބިފައިވާ ފްލެޓް އެހެން މީހަކަށް ހަވާލުނުކުރަން އެދިފައިވާނެ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބިފައި ވަނިކޮށް ފްލެޓް އަތުލާނަމަ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މީހުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅަމުންދާނެ ކަމަށެވެ.
ސައިފް ވިދާޅުވީ އެފަދަ 60 މީހުން ފާހަގަކުރެވިފައިވާ ކަމަށާއި އެ ހުރިހާ އެންމެންގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ވަކީލު ނިޝާން ވަނީ އެފަދަ ކަމެއް ދިމާވެފައިވާނަމަ ފަރުދީ ހައިސިއްޔަތުން ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ގޮވާލައްވާފަ އެވެ.