ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް 'އިންޑިއާ އައުޓް' ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމުގެ ހެއްކާއެކު އެ މައްސަަ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިދިޔަ ބުދަ ދުވަހު ފޮރިން މިނިސްޓަރު ހަލީލް ވަޑައިގަތުމުން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، "އިންޑިއާ އައުޓް" ކެމްޕެއިންގައި އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ވަޒީރު ހުންނެވިންތޯ އާއި އިންޑިއާއާ އެކީ ހާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވިތޯ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭނާ އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަލީލް އެފައިން ވިދާޅުވިތާ ގިނަ ދުވަހެއް ނުވަނީސް އޭނާ އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ވަނީ، އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ނުފެންނާނެ ކަމަށް ހަލީލް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާއިން ފެނިފައިވާ ކަމަށެވެ.

މީކާއީލް ވަނީ އެ ފޮޓޯ ވެސް މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފަ އެވެ.