ހިއުމަން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުން މަޖިލީހުން މިއަދު ގާނޫނު އިސްލާހުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ބިލުގެ މަގުސަދަކީ މީހުންނާއި ކުޑަކުދިން ޓްރެފިކްކުރުން މާނަކޮށްފައިވާ ގޮތާއި މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގައި އަމަލުކުރާ ގޮތް އދ.ގެ ކަމާ ބެހޭ މުއާހަދާއާ އެއްގޮތް ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެ އިސްލާހުތަކަށް ބަލާއިރު، ހިއުމަން ޓްރެފިކިން މާނަކުރާ ގޮތް ފުޅާކޮށްފައިވަނީ، ހާއްސަކޮށް ރާއްޖެއަށް ގެނެވޭ ބިދޭސީންނާ މެދު އަމަލުކުރަމުންދާ ގޮތް ކުށުގެ ގޮތުގައި ފެއްތުމަށެވެ.
އެގޮތުން ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުމާއި، ރާއްްޖޭން އެހެން ގައުމަކަަށް ވެސް މީހަކު ގެންދިއުން ނުވަތަ ބަދަލުކުރުން ހިމެނޭއިރު، ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ހިމަނާފައިވަނީ، މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށް ކަނޑައެޅުމެވެ. ޓްރެފިކް ކުރުމުގެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ހިޔުމަން ޓްރެފިކް ކުރުމާއި ގުޅޭ ބިލަށް ވަނީ ޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބައެއް ބަދަލުތައް ގެނެސްފަ އެވެ.
އެ ބަދަލުތަކުގެ ތެރޭގައި ގާނޫނުގައި ބަޔާންކުރާ ކުށެއް ސާބިތުވާ މީހެއްގެ މައްޗަށް ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކް ކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދިނުން ވަނީ ހިމަނައިފަ އެވެ. އެގޮތުން ނަގައިދެވޭނެ ބަދަލުތަކުގެ ތެރޭގައި ނުލިބިވާ އުޖޫރަ އާއި ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓު އެޖެންސީއަކަށް ދައްކާފައިވާ ފީ ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޓްރެފިކިންގެ ޝިކާރައަކަށްވުމުގެ ސަަބަބުން މެދުވެރިވެފައިވާ ސިއްހީ ހާލަތެއްގެ ސަބަބުން ހޯދަން ޖެހުނު ބޭސް ފަރުވާއަށް ހިނގި ހަރަދުގެ އިތުރުން ސީދާ ގޮތުން ލިބުނު އެނޫން ވެސް ގެއްލުމުގެ ބަދަލު އޭގެ ތެރޭގައި ހިމެނޭނެ އެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ގެނައި އިސްލާހުތަކާއެކު އެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.