މީޑިއާތައް ކޮންޓްރޯލްކުރާ ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި ކަމަށް މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު އަންނަނީ ކުރަމުންނެވެ.

އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން ނޫސްވެރިން މިއަދު ވެސް އަންނަނީ ރައީސް އޮފީސް ސަރަހައްދުގައި ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. މިނިސްޓަރު އަސްވާޑާއި ރައީސް އޮފީހުގެ ކޮމިއުނިކޭސަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ވަނީ ކަންބޮޑުވުން ފާޅުކުރަން ތިބި ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެ ބިލާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަސްވާޑް ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އެ ކަންކަމަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ލަފާދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަސްނުވެވޭ ބައިވަރު ކަންކަން ބިލުގައި ހުރި ކަމަށް އަސްވާޑް ވިދާޅުވި ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަމެއް ވިދާޅެއް ނުވެއެވެ. އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް، ނޫސްވެރިން 'އުލުބައިންދަން' ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެން ސުވާލުކުރުމުން އަސްވާޑް ވަނީ އެކަން ކުށްވެރިކުރަން ދެކޮޅު ހައްދަވާފައެވެ.

މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީގެ މަސައްކަތް ފެށިއިރު އެ ބިލާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.