ކޮވިޑް ވެކްސިން ޖެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވައިފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ވެކްސިން ޖެއްސެވުމަށްޓަކައި ރައީސް ޔާމީން މާލެ ގެނައީ މިރޭ 9:45 އެހައިކަންހާއިރު ކަމަށެވެ. ނަމަވެސް ވެކްސިން ޖެއްސެވުމަށް އެމަނިކުފާނު އިންކާރު ކުރެއްވުމުން އަނބުރާ މާލެ ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ސަބަބެއް ނޭނގެ އެވެ.

ނަމަވެސް ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ ރައީސް ޔާމީން މިރޭ މާލެ ނުގެންނަކަން ޔަގީންކޮށްދެއްވައިފަ އެވެ. އަދި ކަރެކްޝަންސް އިން ހަދަނީ ކަނޑައެޅިގެން ދޮގެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ރައީސް ޔާމީން ވޯޓުލުމަށް ރަޖިސްޓްރީ ކުރައްވާފައިނުވެ އެވެ. ޕީޕީއެމް އިން ބުނެފައި ވަނީ އެމަނިކުފާނަށް ވޯޓު ނުލެވުނީ ކަރެކްޝަންސްގެ ސަބަބުން ކަމަށެބެ.

ކައުންސިލް އިންތިޚާބުގައި މާލޭގެ ދާއިރާތަކުން ޕީޕީއެމަށް ލިބުނު ކާމިޔާބީއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރާގު ވަނީ ބަދަލުވެފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކުރަނީ ކޮން އިރަކުތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށާއި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.