ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭ ގޮތުން އޮތް މާއްދާ އަލުން އެކުލަވައިލައި އާންމުކޮށްފައިވާ ކަމަށެވެ.
އެ މާއްދާއަށް ގެނައި އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރަމުން ގެންދިޔުމަށް ޑީޖޭއޭއިން އަންގާފަ އެވެ.
އެ މާއްދާގައި ކުރިން އޮންނަނީ، ޝައުރީ ދާއިރާގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާން ޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންވެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް އެ މާއްދާގައިވެ އެވެ.
އެ މާއްދާއަށް އަލަށް އިތުރުކުރި ބައިގައި ވަނީ މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށެވެ. އެކަމަކު މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން، އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މޫނު ބުރުގާ އަޅާ މީހުންނަށް ޝަރުއީ ދާއިރާ އިން ވަޒީފާ ނުލިބޭ ކަމުގެ ޝަކުވާތައް މީގެކުރިން ލިބިފައިވެ އެވެ.