މި ސަރުކާރުން އުޅެނީ މިނިވަން މީޑިއާ މަރާލަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިކަމަކީ ބައެއްގެ ނުފޫޒެއް ނެތި ރައްޔިތުންނަށްޓަކައި މަސައްކަތްކޮށްދޭން އޮތް ބާރެއް ކަމަށާއި ނަމަވެސް މިއަދު ސަރުކާރުން އުޅެނީ މިނިވަން މީޑިއާ މަރާލަން ކަމަށެވެ.

"މިއަދު އެ މަސައްކަތް ކުރައްވަނީ ނޫސްވެރިކަން މަރައިލަން، ނޫސްވެރިކަން މަރާލަން. ބައެއް ބޭފުޅުން ވިދާޅުވާގޮތުން އެ މަރާލަންވީ ގޮތް ވެސް އެބަ ސާފުކޮށް ހާމަ ކުރޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާކޮށް ބިރުދައްކަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އޭގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް މުޅި ނޫސްވެރިކަން ގެނައުން، ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ، ނުރައްކާތެރި ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުން، ޖުމުލަކޮށް ހުރިހާ ނޫސްތަކަކަށް، ހުރިހާ ނޫސް މީޑިއާއަކަށް ފިޔަވަޅު އެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނެންގެވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީޑިއާ ބިލަކީ އިސްލާހު ކުރެވޭނެ ބިލެއް ނޫން ކަމަށާއި އެ ބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.