ދުނިޔޭގެ އެންމެ ސުލްހަވެރި ގައުމުގެ ޝަރަފު ޖެހިޖެހިގެން 17 ވަނަ ފަހަރު ހޯދައި އައިސްލޭންޑުން އެ ގައުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް (އައިއީޕީ) އިން ނެރުނު ގްލޯބަލް ޕީސް އިންޑެކްސްގައި އައިސްލެންޑް އެންމެ ކުރީގައި އޮތީ 1.095 ޕޮއިންޓްއާއެކުގަ އެވެ.

އައިސްލޭންޑްއަކީ ނިސްބަތުން ކުށުގެ މިންވަރު ވަރަށް މަދު ގައުމަކަށްވާއިރު އެ ގައުމުގައި އަސްކަރިއްޔާއެއް ވެސް ނޯވެ އެވެ. އެކަމުން ވެސް އެގައުމުގެ ސުލްހަވެރިކަން އަންގައިދެ އެވެ.

ގާތްގަނޑަކަށް 375،000 މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑްއަކީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ ސުލްހަވެރި ގައުމުގެ ލަގަބު ދިފާއު ކުރަމުން އަންނަ ގައުމެވެ.

އެގައުމުގެ ސުލްހަވެރިކަމުގެ އިތުރުން އައިސްލޭންޑްގެ ގުދުރަތީ ރީތިކަމަށްޓަކައި ވެސް އެގައުމަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. އެ ގައުމުގެ ފަރުބަދަމަތީ ރަށްތަކަކީ ފަތުރުވެރިން ގިނަ އަދަދަކަށް ޒިއާރަތްކުރާ މަންޒިލެކެވެ.

އައިސްލޭންޑަށް ލިސްޓުގެ އެންމެ ކުރި ލިބުނުއިރު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލިސްޓުގެ އެންމެ ފުލުން ޖާގަ ހޯދާފައިވަނީ އަފްޣާނިސްތާނެވެ.