ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެކްސިން ޖެހުމަށް އިންކާރު ނުކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން ގޮވައިގެން ރޭ މާލެ އައި ލޯންޗު މާލޭ އުތުރު ފަރާތު އެއް ނަންބަރު ޖެޓީ ސަރަހައްދު ބޭރުގައި ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ބުނެ، އެތައް އިރެއް ވަންދެން ދުއްވާލަ ދުއްވާލާ އޮތުމަށްފަހު، މާލޭ ޖަލު ކައިރީވެސް އެތައް އިރަކު މަޑުކޮށްގެން އޮތުމަށްފަހު، ޓްރާންސްޕޯޓް ހަމަޖެހިފައިނުވުމުގެ ސަބަބުން ވެކްސިން ޖެހޭ ގޮތް ނުވި ކަމަށެވެ.

އެ ބަޔާނުގައި ވަނީ އެމަނިކުފާނު މާލެއަށް ވެސް ބޭލުމަކާ ނުލައި އެންމެފަހުން މާފުށީ ޖަލަށް ގެންގޮސްފައި ވަނީ އެއްވެސް ހާލެއްގައި އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް އިންކާރު ކުރައްވައިގެން ނޫން ކަމަށެވެ.

"އެގޮތަށް ކަން ހިނގާފައި ވަނީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ހަމަޖެހިފައިނުވާތީ އެވެ،" އެ ބަޔާނުގައިވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ރޭ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ވެކްސިން ޖެއްސެވުމަށްޓަކައި ރައީސް ޔާމީން މާލެ ގެނައުމުން އެކަމަށް އެމަނިކުފާނު އިންކާރު ކުރެއްވުމުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ވަކީލުން ވިދާޅުވީ އެއީ ރައީސް ޔާމީން ބަދުނާމުކޮށް އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި ކަރަކްޝަންސް އިން ހިންގާފައިވާ ހުތުރު އަމަލެއް ކަމަށެވެ.