ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް މިއަހަރު ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާއިރު، މީގެ ތެރެއިން ހަތް ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން ގެންދެ އެވެ. މިއަހަރުވެސް ޑިޕްލޮމާ އިން ނާސިން އަދި ބީއެސްސީ އިން ނާސިންގް ކޯސްތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާ އެވެ. ނަރުހުންނަކީ ސިއްހީ ޚިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުން، ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމާއެކު ނަރުހުންގެ ޚިދުމަތް އަދި ޚާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ހުއްޓުމެއް ނެތި މަސައްކަތްތަކެއް ކުރަމުންދެ އެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނާސިންގް ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި ކުރިމަތިލާ ފަރާތަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން މަރުކަޒަކުން ކިޔަވަމުންދާ ފަރާތަކަށް ވެގެން ނުވާނެ އެވެ.
ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލިބިގެންވެ އެވެ. ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު 7350642 އަށް ގުޅުމުން ލިބޭނެ އެވެ. ސްކޮލަޝިޕަށް އެޕްލައި ކުރުމުގެ އީމެއިލަކީ [email protected] އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.
މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.