ރައްޔިތުންގެ މަޖިލީހަށް މީޑިއާ ބިލު ހުށަހެޅިއިރު ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ހުރި ނަމަވެސް އެ ސިފަތައް މިހާރު ބިލުން އުނިކޮށްފައި ވާ ކަމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު މަޖިލީހުން އަންގާރަ ދުވަހު ފާސްކުރީ، މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
އެ ބިލު ފާސްކުރަން އުޅުމުން އެމްޑީޕީ މެންބަރުން އަޑުގަދަކޮށް، އިހުތިޖާޖުކުރިއެވެ. އަދި، ބިލަށް ވޯޓަށް އެހީ، އެ ޕާޓީގެ މެންބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށް ފަހުގައެވެ.
ބިލު ފާސްކުރީ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ތާއިދާ އެކު 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ކުރިން ނޫސްވެރިކަން ކުރެއްވި މިނިސްޓަރު އަސްވާޑު ވިދާޅުވީ، އެ ބިލު އެންމެ ފުރަތަމަ ހަންނާން ހުށަހެޅުއްވިއިރު ހުރީ 'ކޮންޓްރޯލް ކުރުމުގެ' ސިފަތަކެއް ކަމަށެވެ. އެކަމަކު، އެ ސިފަތައް ބިލުން ކަނޑުވާލައިފި ކަމަށާއި މިހާރު މިއީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީޑިއާ ބިލު އެންމެ ފުރަތަމަ ފެނިވަޑައިގެން ދުވަހު، އެއީ އެންމެ ފަހުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ތައްޔާރުކުރި ބިލު މިކްސްއެއް ކަމަށެވެ. އެ ކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް، ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ހުރި ކަމަށް ވިދާޅުވި ކަމަށް އަސްވާޑު ފާހަގަކުރެއްވި އެވެ.
މިގޮތުން، ބިލު ފާސްވެގެން އަންނައިރު މަގާމުގައި ހުންނެވި ނަމަ، ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނެ ކަމަށް ވިދާޅުވިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ފާހަގަކުރެވޭ ގޮތުގައި، އަންގާރަަަަަަަަަ ދުވަހު މަޖިލީހުން މީޑިއާ ބިލަށް ގެނައި ބައެއް އިސްލާހުތަކުގެ ތެރޭގައި ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުމާއި އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯސަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން ހިމެނެއެވެ.
އެއާއެކު، ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުމާއި މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ފިޔަވަޅެއް އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކުރުން ހިމެނެ އެވެ.
މީޑިއާ ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ އެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފަ އެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ދުނިޔޭގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.