ޒަމާނުއްސުރެ މިފްކޯއިން މަސް ފެކްޓަރީއެއް ހިންގަމުން އައި ކަނޑުއޮތްގިރި އެމްއެންޑީއެފްއަށް ދިންތާ އަހަރެއް ނުވަނީސް އެ ނިންމުން ބަދަލުކޮށް އެ ރަށް އަނެއްކާ ވެސް މިފްކޯއަށް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ މިފްކޯގެ އެދުމުގެ މަތިން އެ ރަށް އަލުން މިފްކޯއަށް ދޭން ނިންމީ މީގެ ދެ މަސްދުވަސް ކުރިން ކަމަށެވެ.

އެ ރަށް މިފްކޯގެ ދަށުން ވަކިކޮށް އެމްއެންޑީއެފްއާ ހަވާލުކުރަން ނިންމީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އެ ރަށް ބެލެހެއްޓުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ މިފްކޯއާ ހަވާލުކޮށްފަ އެވެ.

މިފްކޯއިން އެތަން ބޭނުންވެގެން ސަރުކާރުގައި އެދުނީ އެ ކުންފުނީގެ މަސައްކަތަކަށް ބޮޑެތި ދަތިތަކެއް ކުރިމަވާތީ އެވެ.

މިފްކޯއިން ކަނޑުއޮތްގިރިން ފޭބިއިރު، ބޭނުން ކުރެވޭ މެޝިނަރީތައް އެ ރަށުން ވަނީ ބާލާފަ އެވެ. އަދި އެ ތަކެތި އެހެން މަސް ފެކްޓަރީތަކުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ކަނޑުއޮތްގިރިން ފޭބުމަށް ވެސް ބޮޑު ހަރަދެއްކޮށްފައިވެ އެވެ. އަނެއްކާވެސް އެ ރަށަށް ތަކެތި ގެންދަން ބޮޑު ހަރަދެއް ކުރަންޖެހޭނެ އެވެ.

އެ ރަށަށް ވަރަށް ބޮޑު ހަރަދެއް ކުރުމަށްފަހު އެވެ. އެންމެ ބޮޑު ހަރަދެއް ކުރީ އެ ރަށުގެ ބަނދަރު ހެދުމަށެވެ.