ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ވ. ފުލިދޫއާއި ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ދެރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މުޅިން އަލަށް ތައާރަފުކުރި ދެ އޭޓީއެމްއާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

"އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 165 ސެލްފްސާވިސް ބޭންކިން ސެންޓަރު، 224 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.