ނުކުޅެދުންތެރިކަން ހުންނަ ކުދިން ގަވައިދުން ކާން ޖެހޭ ބޭހެއް ކަމުގައިވާ، "ތައިރަނޯމް" ބޭހަށް، އާސަންދަ ލިބުނު ނަމަވެސް ތިން ބޭސް ފިހާރައިން ވެސް އެ ބޭސް އަގު ބޮޑު ކޮށް ވިއްކިކަން ފަޅާ އަރައިފި އެވެ.

ޑރ. އަބްދުލްއަޒީޒް ހަމީދު ވަނީ، އޭނާގެ ހަ އަހަރަށް ދާ، ޑައުންސިންޑްރޯމް އާއި އޯޓިޒަމް އަދި ހައިޕޯ ތައިރޮއިޑިޒަމް ހުންނަ ދަރިފުޅު ގަވާއިދުން ކާން ޖެހޭ މި ބޭސް އާސަންދައިން ލިބެން ނެތުމުން އެކަމާ ސޯޝަލް މީޑިއާގައި ޝަކުވާގެ މެސެޖެއް ހިއްސާ ކުރައްވާފަ އެވެ.

https://web.facebook.com/photo.php?fbid=10161961428613862&set=a.10151700237038862&type=3&ref=embed_post

އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި އެ ބޭސް ލިބޭތޯ އެންމެ ފުރަތަމަ ބެލީ، އެސްޓީއޯ ހެންވޭރު ފާމަސީއިންނެވެ. އެތަނުން ލިބެން ނެތުމުން އޭޑީކޭ ހޮސްޕިޓަލް ކައިރީ ހުރި ދެތިން ބޭސް ފިހާރައެއް ބެލި ކަމަށާއި އެއްތަނުން، 90 ރުފިޔާއަށް ބޭސް ލިބޭނެ ކަމަށް ޑރ. އަޒީޒް ވިދާޅުވި އެވެ. އެކަމަކު އެ ބޭހަށް އާސަންދަ ނުލިބޭ ކަމަށް، ބޭސްފިހާރައާ ހަވާލާދީ އޭނާ ލިޔުއްވާފައިވެ އެވެ.

ޑރ. އަޒީޒް ވިދާޅުވި ގޮތުގައި އެއް ފުޅިން ތިން މަހަށް ނުފުދޭތީ، އިތުރު ތަންތަން ބެއްލެވި އިރު ދެ ތަނަކުން ބޭސް ލިބެން ހުރި ކަމަށާއި އެހެން ނަމަވެސް އެއް ތަނުން އަގުގެ ގޮތުގައި 195 ނަގަން ބުނި އިރު، އަނެއް ތަނުން އެ ބޭހަށް 240 ރުފިޔާ އަރާ ކަމަށް ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދެތަނުން ވެސް، އެ ބޭހަށް އާސަންދަ ނުލިބޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަންކަން ކަމަށް ވެސް ޑރ. އަޒީޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

https://web.facebook.com/photo.php?fbid=1205410584957334&set=a.245607724270963&type=3&ref=embed_post

މި ޕޯސްޓް ވައިރަލްވުމާއެކު އާސަންދަ ކުންފުނިން ވަނީ މިއީ ދޮގެއް ކަމަށް ބުނެފަ އެވެ. އެތަނުން ބުނީ "ތައިރަނޯމް 25 މައިކްރޯގްރާމް" އަކީ އާސަންދަ ސްކީމްގެ ތެރެއިން ދޭ ބޭހެއް ކަމަށާއި ސްކީމްގެ ތެރެއިން މި ބޭސް ގިނަ ބޭސް ފިހާރަތަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެއާ ހިލާފަށް، އާސަންދައިގެ ތެރެއިން ބޭސް ފޯރުކޮށް ނުދޭ ނަމަ، ޝަކުވާ ހުށަހެޅުމަށް އިންނަ ޕޯޓަލް، "ޝިކާވަތި" އަށް ރިޕޯޓު ކުރުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

ބައެއް ބޭސް ފިހާރަތަކުން އޮޅުވާލައިގެން އާސަންދަ ނުލިބޭ ކަމަށް ބުނެ، ބޭސް ވިއްކާކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ބޭސް ފިހާރަތަކުގައި ހުންނަ ބޭސް، އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި ބޭހުގެ 25 މިލިގްރާމްގެ ބާވަތް ގިނަ ފަހަރު އެސްޓީއޯ ފާމަސީތަކުން ހުންނަނީ ހުސްވެފަ އެވެ. މީގެ ކުރިން ވެސް އާސަންދައިގައި ދިމާވި މައްސަލައަކާ ގުޅިގެން، އެސްޓީއޯއިން މި ބޭސް އާސަންދައިގެ ބޭރުން ވިއްކާފައިވެ އެވެ. އަދި ފާމަސީތަކުން ވެސް މި ބޭހަށް އާސަންދަ ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ މި ބޭހަށް އާސަންދަ ނުލިބުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވެފައިވެ އެވެ.