ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ތ. ގާދިއްފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައި، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން 15 އަތޮޅުގައި އޭޓީއެމް ޚިދުމަތް މިވަނީ ގާއިމުކުރެވިފައި ކަމަށެވެ.
"ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިންގ ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް. އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އަޅުގަނޑުމެން މި ދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރަމުން." ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިންގ ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.