އަންނަ މަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާއަށް، މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތައް މާލޭގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު އަރީޝްގެ އެންގުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގަން ފަށައިފި އެވެ.

އެ އެއްވުން ޕްރޮމޯޓް ކުރުމަށް މާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން ވަނީ ބެނާތަކާއި ޕޯސްޓަރުތައް ހަރުކޮށްފަ އެވެ.

އެ މަސައްކަތް ކުރިއަށްގެންދަން މާލޭ ސިޓީ ކައުންސިލްގައި އެދުނުތާ ދެ ހަފްތާ ވީއިރުވެސް އެކަމުގެ ހުއްދަ ދީފައެއްނުވެ އެވެ. ޑެޕިޔުޓީ މޭޔަރު އަރީޝް އެތަކެތި ނަގަން ދައްކަވާ ހުއްޖަތަކީ ހުއްދަ ނުނަގައި އެކަން ކުރުމެވެ. ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް އެ ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ ސަރުކާރުގެ އެންގުމަށެވެ.

ރައްޔިތުންނަށް އުނދަގޫވާ ކަމަށް ބުނެ އެ ބެނާތައް ނެގުމަށް ކައުންސިލަރުންގެ ތާއީދަށް އެދި ޑެޕިޔުޓީ މޭޔަރު އަރީޝް ވަނީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުވާފަ އެވެ.

ޑެޕިޔުޓީ މޭޔަރު އަރީޝް ފޮނުވި މެސެޖް

އެކަމަށް ތާއީދުކޮށް ކައުންސިލަރުންގެ ވަޓްސްއެޕް ގްރޫޕްގައި ޕީއެންސީގެ ކައުންސިލަރުން ވަނީ ވާހަކަދައްކާފަ އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދޭންވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު"ހުރިހާ"އަށް ވިދާޅުވީ އެ ބެނާތައް ނަގަން ޑެޕިޔުޓީ މޭޔަރު އަރީޝް އެންގެވީ އެ ކައުންސިލްގެ ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝަމްހޫޒާ އަހްމަދުއަށް ކަމަށެވެ. ޝަމްހޫޒާ އަކީ ރައީސް މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ވެސް މެ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ރައީސް މުއިއްޒުގެ އެންގެވުމަށެވެ.

ޑެޕިޔުޓީ މޭޔަރު އަރީޝް އާއި ޝަމްހޫޒާ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވައި މުއިއްޒުގެ ކެމްޕޭން ޕޯސްޓަރުތައް މާލޭގެ މަގުތަކުގައި ހަރުކުރުމުގައި އިސްކޮށް އުޅުނުނީ ވެސް ޝަމްހޫޒާއެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ އެ ބެނާތައް ނަގާފައިވާތީ އަލުން ބެނާތައް ހަރުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނަކުން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު އެމްޑީޕީއަށް ވެސް ލިބިގެންވާ ކަމަށެވެ.