މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމަށް ވަގުތު އޮއްވައި ހުށަހެޅުމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މީޑިއާ ކޮމިޝަނަަށް އިންތިހާބު ކުރާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާނެ ދެ ގޮނޑިއާއި، މީޑިއާތައް ތަމްސީލުކުރާނެ ދެ ގޮނޑިއެވެ. މި މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ޑީޖޭއޭ އިން ނެރުނު އިއުލާނުގައި ވަނީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް ކޯޓުތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ ކުށުގެ ރެކޯޑުތައް 'ރެކޯޑް ޕޯޓަލް' އަށް އަޕްޑޭޓް ކުރެވިފައިނުވާތީ، ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ގިނަ ވަގުތު ހޭދަވާނެ ކަމެއް ކަމަށް އެ އިއުލާނުގައިވެ އެވެ.

ޑީޖޭއޭ އިން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 13:00 ގެ ފަހުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ވަނީ އާ ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު އާންމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން، އިންތިޚާބުގައި ވޯޓުލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެއް ފަރާތަކަށެވެ.

ގަވާއިދުގައިވާ ގޮތުން، ކުރިމަތިލާ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހޭއިރު، އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ކުރިމަތިލާތާ ދެ ދުވަހުގެ ތެރޭގައި އަންގަންޖެހެ އެވެ.