ކޮންޓެންޓު އުފައްދާ ފަރާތްތަކާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން 500،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ ފައިނޭންސް ސްކީމެއް ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ ކްރިއޭޓާ އިކޮނޮމީ ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ކޮންޓެންޓު ކްރިއޭޓަރުންނަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދޭން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފަށާނެކަން އެމަނިކުފާނު އިއުލާނުކުރެއްވީ ސެޕްޓެންބަރު 14 ވަނަ ދުވަހު އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ގަނެފައިވާ އެސްޑީއެފްސީން މިއަދު އެ ލޯނު ސްކީމު އިއުލާނުކޮށްފަައިވެ އެވެ. އެ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ކޮންޓެންޓް ކްރިއޭޓަރުންނާއި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ވީޑިޔޯގްރާފަރުންނަށް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ.

އަދި މިސްކީމުގެ ދަށުން ރަހުނެއް ހުށަހަޅައިފިނަމަ 500،000 ރުފިޔާއާ ހަމައަށް ލޯނު ހަމަޖެހޭނެއެވެ. މި ލޯނު ދައްކަންޖެހެނީ ގިނަވެގެން ފަސް އަހަރު ތެރޭގަ އެވެ.

ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ހަ މަހަށްވުރެ ދިގު ނޫން މުއްދަތެއް ލިބޭ ގޮތަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 9.5 އިންސައްތައެވެ. މި ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އިކުއިޕްމެންޓު ގަނެ، ޕްރޮޑަކްޝަން ހަރަދުތައް ހަމަޖައްސައި ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމުގެ އިތުރު ކަންކަމަަށް ހަރަދުކުރެވޭނެ އެވެ.

މި ފެސިލިޓީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީ ވެބްސައިޓުގައި ހިމަނާފައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފެސިލިޓީއަށް އެދެވޭނެ އެވެ.

އެސްޑީއެފްސީގެ އެމްޑީ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި މި ފެސިލިޓީގެ ބޭނުމަކީ ދުނިޔޭގައި މިހާރު އެންމެ ހަލުއިކޮށް ފުޅާވަމުންދާ ދާއިރާތަކުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، ޒުވާނުން ބާރުވެރިކުރުވުމެވެ.

“މި ފައިނޭންސިން ފެސިލިޓީއާ އެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު އުފައްދާ ފަރާތްތަކާއި ޑިޖިޓަލް ކްރިއޭޓަރުންނަށް ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުން،” އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފައިނޭންސްއަކީ ހަމައެކަނި ލޯނު ފެސިލިޓީއެއް ނޫންކަމަށާއި، މިއީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް އައު އީޖާދީ ވިސްނުންތަކަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރެވޭ އަގުހުރި އިންވެސްޓުމެންޓެއް ކަމަށެވެ.