ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނިމިދި ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ އެންމެ ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ 14 އިން ފްލެޓު ލިބުނު މީހުންގެ ތަޅުދަނޑި ކަމަށެވެ. އެ މަސައްކަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށްގެންދާނެ އެވެ.
މީގެއިތުރުން އެހެން ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް އިން އަންގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް މިއަދުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ދުރާލާ ބުކިން ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އިމާރާތުގައި ތަކެތި ބެހެއްޓޭނީ ބުކްކުރެވޭ ވަކި ސަރަހައްދެއްގަ އެވެ.
"ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު ޓަވަރުގެ އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުމެވެ،" ބަޔާނުގައިވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ކަނޑައަޅާފައި ވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަނުގެ މަހު ކުއްޔަކީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެ އެވެ.
ޖުމްލަ ދައްކަންޖެހޭ ފައިސާގެ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެތަންތަން މިލްކުވާނީ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.