ރާއްޖޭން ނަގާފައިވާ ދަރަންޏަށް ލުއިދޭނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށް ރާއްޖެއަށް އެ ގައުމުން ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންވާ ވިދާޅުވެއްޖެ އެވެ.
ސަފީރު މިކަން ހާމަކުރެއްވީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ގެ ނަމުގައި ޗައިނާގެ މިހާރުގެ ދައުލަތް ގާއިމްކުރިތާ 76 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަފީރު ވިދާޅުވީ ދަރަންޏަށް ލުއިދޭނެ ގޮތްތަކާ މެދު ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ރާއްޖެއިން އިތުބާރު ކުރާ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރަންޏަށް ލުއިދިނުމުގެ އެރޭންޖްމެންޓްތަކާ މެދު އަޅުގަނޑުމެން ދެ ފަރާތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމައަށް ގޮތް ނިންމާފައިވާ ކަން އަޅުގަނޑު އުފަލާ އެކު އިއުލާންކުރަން. މި އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަން އެކަންޏެއް ނޫން، ދިވެހި ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކަށާއި ރާއްޖޭގެ އިގުތިސާދުގައި ހުރި ވަރުގަދަ ޕޮޓެންޝަލް އަށް ޗައިނާއިން ކުރާ އިތުބާރު،" ސަފީރު ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖޭގެ ދަރަންޏަށް ލުއިދޭން، ދެ ގައުމުން އެއްބަސްވީ ގޮތުގެ ތަފްސީލެއް ސަފީރު ހާމައެއް ނުކުރެ އެވެ.
ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ ބޮޑު ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫ އާއި މާލެެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫ އާއި 50 ރަށެއްގެ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު ކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ލޯނު ދީފައިވާ ގައުމެކެވެ.