އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން މުޅިން އާ ފައިނޭންސިން ސްކީމެއް ނޮވެންބަރު މަހު ތައާރަފުކުރުމަށް ނިންމައިފި އެވެ.

އެސްޑީއެފްސީން ބުނީ މި މަޝްރޫއުގެ މަގްސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިގްތިސާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.

މި ސްކީމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތަކުން އެސްޑީއެފްސީއިން ފައިނޭންސިން ދޭނެ އެވެ. މި ސްކީމަށް ނޮވެމްބަރުމަހު އެޕްލިކޭޝަންއަށް ހުޅުވާލުމަށް އެސްޑީއެފްސީއިން އަންނަނީ ތައްޔާރު ވަމުންނެވެ.

އަލަށް މި އިއުލާނު ކުރެވުނު ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ. ޖުމްލަ 100 މިލިއަން ރުފިޔާގެ މި ސްކީމަކީ ފަސް ފިޔަވައްސަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅައި، އަދި ކޮންމެ ފިޔަވައްސެއްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްގެން ހިންގޭ ސްކީމެކެވެ. ފަށާމަދަދުގެ ދެ ފިޔަވައްސެއްގެ އެޕްލިކޭޝަންތައް މިހާރުވަނީ ބަލައިގަނެފަ އެވެ.

ފުރަތަމަ ފިޔަވަހީގެ ކާމިޔާބީ

ފަށާމަދަދު ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު ހުޅުވާލައި، މި ފިޔަވަހީގެ ދަށުން 63 ފަރާތަކަށް ލޯނު އެޕްރޫވްކޮށް، ލޯނުގެ ފައިސާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތް ހިމެނެ އެވެ. މި ފިޔަވަހީގެ ދަށުން މާލެ ސަރަހައްދު ހިމެނޭހެން 16 އަތޮޅަކަށް މިލޯނު ދޫކޮށްފައިވަނީ، ތަފާތު 13 ބާވަތުގެ ވިޔަފާރި ހަރަކާތްތަކަށެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް، ކާބޯތަކެތި ޓޭކްއަވޭ ހިދުމަތް، ފުޑް ފެކްޓަރީ، ފެހުން، ސެލޫން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، އަތްތެރި މަސައްކަތް، ޖިމް އަދި ފިޓްނަސް ސެންޓަރު، މަސް ޕްރޮސެސް ކުރުން، ތައުލީމް ދިނުން، ކްލިނިކް އަދި ހެލްތު ސާވިސަސް އާއި ބޭކަރީ ވިޔަފާރިތައް ހިމެނެއެވެ.

މި ފިޔަވަހީގައި ދޫކުރި ލޯނުތަކުގެ ތެރެއިން 45 ޕަސެންޓް ވިޔަފާރިތައް މިހާރު ހިންގަމުންދާއިރު، އެހެނިހެން މަޝްރޫޢުތައް ފެށުމަށް ކުރެވޭ މަސައްކަތްތައް މި ކުންފުނިންގާތުން ބަލައި ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ދެވަނަ ފިޔަވަހީގެ ކުރިއެރުންތައް

މި އަހަރުގެ ޖޫން 15 އިން އޮގަސްޓް 31 އަށް ހުޅުވާލެވުނު ދެވަނަ ފިޔަވަހީގައި 205 ފަރާތަކުން ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 47 އެޕްލިކޭޝަން މިހާރުވަނީ ޕްރޮސެސްކުރުމުގެ މަރުހަލާގައެވެ. މިހާތަނަށް އަށް ފަރާތަކަށް ލޯނު އެޕްރޫވްކުރެވި، ފައިސާ ދޫކުރަން ފަށާފައިވެ އެވެ.

މި ފިޔަވަހީގައި ކަނޑައެޅިފައިވާ 20 މިލިއަން ރުފިޔާގެ އަދަދު ހަމަވުމާއެކު، 110 އެޕްލިކޭޝަން ވަނީ ވެއިޓްލިސްޓްގައި ހިމަނާފަ އެވެ.

އާ ފައިނޭންސިން ސްކީމް

އަންހެނުން ވިޔަފާރިވެރިންނަށް ހާއްސަ އައު ފައިނޭންސިން ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެންބަރު ފުރަތަމަ ހަފްތާ ތެރޭގައި އެވެ. އެޕްލިކޭޝަން ބަލައިގަންނާނީ އެސްޑީއެފްސީގެ ވެބްސައިޓް ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށެވެ. ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރެވޭނެ އެވެ.

މި ސްކީމް ތައާރަފުކުރުމާ ގުޅޭގޮތުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް ކަމަށެވެ.

"މި ސްކީމްގެ ދަށުން، ފަސޭހަ އަދި ލުއި ގޮތްތަކެއްގެ މަތިން ފައިސާ އަނބުރާ ދެއްކޭނެ ގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ. މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ. އެފަރާތްތަކަށް މި ފުރުސަތު ލިބިގެންދިއުމާއިއެކު، ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ،" ބަދުރިއްދީން ވިދާޅުވި އެވެ.

މި ސްކީމަކީ އަންހެނުން ވިޔަފާރިއަށް ނުކުތުމަށް ހިތްވަރުދީ އެހީތެރިވުމަށް އެސްޑީއެފްސީން ތައާރަފުކޮށްފައިވާ މުހިންމު އިސްނެގުމެކެވެ. މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެ އެވެ.