މުޅި އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި މަހު ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށް ނިންމާފައެވެ.
އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހްތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހްތިސާސްއާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ވަނީ ނިންމާފައެވެ.