ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ހަތަރު ވަނަ ހެލްތް ކޭމްޕް މ. މުލީގައި ބޭއްވުމަށް ނިންމައިފި އެވެ.
މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 17 އިން 18 އަށް މުލީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މިފަދަ ހަަތަރު ވަނަ ހެލްތް ކޭމްޕެވެ.
މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ކޭމްޕްތައް ވަނީ ބާއްވާފަ އެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގައި 3,800 އަށްވުރެ ގިނަ ހިލޭ މެޑިކަލް ކޮންސަލްޓޭޝަން ވަނީ ފޯރުކޮށްދީފަ އެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.
މިފަހަރުގެ ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ކޮންސަލްޓަންޓުން:
• ޑރ. ޗަންދްރަޝޭކަރް ރާވަލް – ކަރުންމަތީގެ ބަލިތަކުގެ (އީއެންޓީ)
ޚާއްސަ ކޮންސަލްޓަންޓް
• ޑރ. އަލީ ނިޔާފް – ނާރުގެ ބަލިތަކަށް ޚާއްސަ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. މުހައްމަދު ހަބީބް – ކަށީގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. ޖާޔާ ޕްރަކާޝް ނާދަން – ކިޑްނީ ބަލިތަކުގެ ޚާއްސަ ކޮންސްލްޓަންޓް
• ޑރ. މެހްމެޓް އޮޑަރ – ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. މޫސާ މަނިކް އިބްރާހިމް – ހިތުގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ – އަންހެނުންގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
މި ކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި މުލީ ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ކައުންސިލް އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ. އަދި މި ކޭމްޕްގެ ދަތުރުތައް ހަމަޖެއްސުމުގައި ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕްތަކުން، ކޭމްޕް ބާއްވާ ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ސަރަހައްދަށް ދަތުރުނުކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ހެލްތް ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 15 އޮކްޓޯބަރު ވަނަ ދުވަހުގެ 14:00 ގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.