ޝަރުއީ ދާއިރާ އަކީ އެއްވެސް ބާރެއް ނެތް ބާރެއް ކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން މާފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޒާ ވިދާޅުވީ 2011 ވަނަ އަހަރުގެ ތެރޭގައި ކޯޓްތަކަށް އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހޯދަން އިއުލާންކުރުމުން 100 އަށްވުރެ ގިނަ މީހުން ކުރިމަތިލާ ކަމަށެވެ. އެކަމަކު މިއަދު އެފަދަ މަގާމަކަށް އިއުލާންކުރުމުން ކުރިމަތިލާނެ މީހަކު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ ކޯޓްތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އޭގެތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ޝަރުއީ ދާއިރާއަކީ [ދައުލަތުގެ] ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ވީ އިރު، މިއަދު ވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެއްވެސް ބާރެއް ނެތް ބާރެެއްގެ ގޮތުގައި އެ ބާރު ހަަރަކާތްކުރަމުންދާ މަންޒަރު،" ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމާރާތުގެ ތެރެއަށް ވާރޭ ނުވެހޭ ކޯޓެއް މާލޭގައި ނެތް ކަމަށެވެ. އެހެންވުމުގެ ސަބަބުން ކޯޓްތަކަށް ގެއްލުންތައް ލިބި މަސައްކަތްތަކަށް ވެސް ބުރޫއަރާ ކަމަށް ވިދާޅުވި އެވެ.

އަދި ގިނަ ރަށްތަކުގައި ކޯޓް ހިންގަނީ ކައުންސިލް އިދާރާގެ އިމާރާތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާދަމާ އަޅުގަނޑުމެން އެ ތަންތަން ކައުންސިލްތަކުގެ ބިންތަކެއް ކަމަށް ބަލާފައި އެ ތަންތަނުން ނުކުމެއްޖެއްޔާ ކޯޓުތައް ހިންގާ ތަންތަނެއް ނެތް،" ރިޒާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި 64.7 މިލިޔަން ރުފިޔާ 13 ކޯޓެއް އިމާރާތް ކުރަން ހިމެނި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.