ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިހްލާސްތެރިކަމާއެކު ވެރިކަން ކުރައްވާ ހަމައެކަނި ބޭފުޅަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އދ. މާމިގިލީ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިނިވަންކަމާ އެކީގައި އެކަކު އަނެކަކަށް ވާހަކަ ދައްކާލައިގެން އުޅެން ފުރުސަތު ގެނެސްދެއްވުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތަށް އައްސަރިބަހާ ސާބަސް ނޫން އެހެން އިތުރު އެއްޗެއް ނުދަންނަވާނެ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑު ނުދެކެމޭ 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު، ޑރ. މުހައްމަދު މުއިއްޒަށް ވުރެ އިހުލާސްތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާކަން މި ވޭތުވެދިޔަ ދެ އަހަރު އަދާކުރައްވުމުގައި އިހުލާސްތެރި ބޭފުޅަކު ތި ނޫނިއްޔާ ނުދެކެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސިޔާސީ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ސުޕްރީމް ކޯޓުގައި އެމަނިކުފާނު ތަޅުއެޅުވި މަންޒަރު ނުފެންނަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ވެރިކަމުގައި ވަކިކުރީ "ކުށުގެ ވެށީގައި ބެދުމުން" ކަމަށް ވިދާޅުވެ އޭގައި ރައީސް މުއިއްޒު ކުރައްވާނީ ވަކި ކޮން ކަމެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.