އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެންމެ ފުރަތަމަ އެސްޑީއެފްސީ އިން ބޭނުން ކުރަމުންދާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓެވެ. އަދި އިންތިޒާމުތައް ހަމަޖެހެމުންދާވަރަކުން ކުރިއަށް އޮތްތާގައި، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތަކުގެ އެހީގައި މި ބަދަލުތައް ގެނައުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބަދަލުގެ މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

މީގެ ތެރޭގައި ހާއްސަ އިސްކަމެއް ދީގެން، ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ، ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ހައްލު ހޯދައިދިނުން ހިމެނެ އެވެ. މިގޮތުން އިސްލާމިކް ރިފައިނޭންސިން އުސޫލުތަކުގެ ތެރެއިން ފައިސާ ޚަލާސްކުރަން އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުން ހިމެނެއެވެ. މިބަދަލާއެކު، ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވެގެންދާނެ އެވެ.

ކުރިއަށް އޮތް މަސްތަކުގައި މި ބަދަލުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭއިރު، ފުރަތަމަ މަރުހަލާ މިއަދު ފެށޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ. އަދި އެ ކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މިބަދަލުތައް ގެނެސްނިންމާލުމެވެ. ކަސްޓަމަރުންނަށް މިކަމާ ގުޅޭ މައުލޫމާތު ބައިބަޔަށް ބަހާލައިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ދެމުންދާނެ އެވެ. އަދި އޮމާންކަމާއެކު މި ބަދަލުތައް ގެނައުމުގެގޮތުން ކަސްޓަމަރުންނާ ސީދާ ގުޅައިގެންވެސް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މި ބަދަލުތަކާގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާއެކު އެ ކުންފުނި ހިންގަމުންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި ކަމަށެވެ.

"މި ފިޔަވަޅާއެކު، ލޯލަނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާއެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލުވެވެނިވި ވަށައިޖެހޭހައްލުތަކެއް ހޯދައިދިނުން." ބަދުރުއްދީން ވިދާޅުވި އެވެ.

މި ބަދަލާއެކު، އެސްޑީއެފްސީ ވެގެންދާނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިން ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށެވެ. މިއާއެކު، ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަސައްކަތުގެ ތެރެއިން އިސްކަންދެވިގެންދާނީ އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ޑިޖިޓަލް އަދި ވިޔަފާރީގެ މަސައްކަތްތައް ބާރުވެރި ކުރުމަށެވެ.