އިދިކޮޅު އެމްޑީޕީން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށް ގޮސްފައިވާތީ އާރްޑީސީގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ދެ މީހުންނަށް ދޫކޮށްފައިވާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓްގެ ކޮޕީއެއް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ.

ވަޒީފާއިން ވަކިކުރީ އާރްޑީސީގެ ސީނިއާ ބިލްޑިން މެއިންޓަނަންސް ގެ މަގާމުގައި ހުރި މުހައްމަދު ނިޝާމް އާއި ސީނިއާ ލޮޖިސްޓިކްސް އޮފިސަރު އަބްދުﷲ ވަހީދެވެ.

ވަޒީފާއިން ވަކިކުރުމުން ނިޝާމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަޒީފާއިން ވަކިކުރިޔަސް އޭނާ ހުރީ ގަދަކޮށް ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާއަށް ދިޔަނުދިނުމަށްޓަކައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުން ވަނީ މުޒާހަރާ އޮތް ގަޑިއާ ދިމާކޮށް އެކި ކަންކަން ރާވާފަ އެވެ.

އެގޮތުން ކަސްޓަމްސްގެ މުވައްޒަފުން ހަމަ އެރޭ ކުއްލި މަސް ރޭހެއް ބޭއްވި އެވެ. އެމްޕީއެލްގެ މުވައްޒަފުންނަށް މަޖުބޫރުކުރީ އެރޭ އިތުރުގަޑީގެ މަސައްކަތަށް ނުކުތުމަށެވެ. އެޗްޑީސީން އެރޭ ބޭއްވީ މިޔުޒިކް ޝޯއެކެވެ. މިޔުޒިކް ޝޯ ބޭއްވި މައްސަލާގައި ސަލަފުގެ ދީނީ އިލްމުވެރިން އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.

އެކަމަކު މުޒާހަރާއާ ގުޅުވައި ދީނީގޮތުން ސަލަފުގެ ބައެއް އިލްމުވެރިން އެކި ވާހަކަތައް ދެއްކެވި އެވެ.

މުޒާހަރާގެ ދެ ރޭ ކުރިން ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާއަށް މަޖުބޫރުކޮށްގެން ސަރުކާރުގެ މުވައްޒަފުން ގެންގޮސްފައިވެ އެވެ. ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގެންދިޔައީ ހާޒިރީ ބަލައިގެންކަން "ހުރިހާ"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ކިޔައިދިނެވެ.

ސިޔާސީ ގޮތުން ހިޔާލު ތަފާތު އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުހައްމަދު މުއިއްޒުގެ ކިބައިން މި ފެންނަނީ އެއާ އިދިކޮޅު އަމަލުތަކެކެކެވެ.