އަވަށްޓެރި އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ވިހަ ކޯފް ސިރަޕެއް ބޮއެގެން 17 ކުޑަކުދިން މަރުވި މައްސަލާގައި، އެ ސިރަޕް އުފެއްދި ސްރީސަން ފާމަސޫޓިކަލް މެނުފެކްޗަރާ ކުންފުނީގެ ވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ފުލުހުން ބުނެފި އެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ކޯފް ސިރަޕް ބޮއެގެން އުމުރުން ފަސް އަހަރުން ދަށުގެ 17 ކުދިން މަރުވެފައިވާއިރު، އެ ކޯފް ސިރަޕްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިއެތެލީން ގްލައިކޯލް ހުންނަންޖެހޭ މިންވަރަށް ވުރެ ގާތްގަނޑަކަށް 500 ގުނަ އިތުރަށް ހުރި ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ސްރީސަން ކުންފުނީގެ ވެރިޔާ އެސް ރަންގަނާތަން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ޗެންނާއީން ކަމަށާއި، މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަދްޔަ ޕްރަދޭޝަށް ގެންދާނީ އޭގެ ފަހުންނެވެ.

އިންޑިއާގައި ބޭސް އުފައްދާ ކުންފުނިތަކުގެ އުފެއްދުންތަކުައި ބޭނުންކުރާ ހުރިހާ މާއްދާއެއް ވެސް ވަކި ވަކިން ޓެސްޓުކުރަން ގާނޫނުން ލާޒިމުކުރެ އެވެ. އަދި ބޭރަށް އެކްސްޕޯޓުކުރާ ބޭހުގެ ހުރިހާ ބާވަތްތަކެއް ސަރުކާރުގެ ތަހުލީލު މަރުކަޒެއް މެދުވެރިކޮށް ވެސް ތަހުލީލުތައް ކުރަންޖެހެ އެވެ. މި ފިޔަވަޅު އަޅާފައި ވަނީ، 2023 ވަނަ އަހަރު އިންޑިއާއިން އުފައްދާފައިވާ ކޯފް ސިރަޕެއް ބޮއެގެން އުޒްބެކިސްތާނު، ކެމަރޫން އަދި ގެމްބިއާގައި 10 ކުދިން މަރުވި ހާދިސާއާ ގުޅިގެންނެވެ.

ނަމަވެސް މަދްޔަ ޕްރަދޭޝްގައި ހިނގި މި ހާދިސާއާ ގުޅިގެން، ބޭހުގެ ބާވަތްތައް ތަހުލީލުކުރުމުގެ ނިޒާމުގައި އަދިވެސް ބާގަނޑުތައް ހުރިކަން ހާމަވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ބުންޏެވެ.

ހަމަ މި ވިހަ މާއްދާ އެކުލެވޭތީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މި ހަފްތާގައި ވަނީ ގުޖުރާތުގެ ސްޓޭޓްގެ ޝޭޕް ފާމާ އާއި ރެޑްނެކްސް ފާމަސިއުޓިކަލްސް އިން އުފައްދާ އިތުރު ދެ ކޯފް ސިރަޕެއް ކަމަށްވާ ރެސްޕިފްރެޝް އާއި ރިލައިފް ބޭނުން ނުކުރަން އެދިފަ އެވެ.

ޗައިނާ އާއި އެމެރިކާގެ ފަހަތުން، އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ބޭހުގެ ބާވަތްތައް އުފައްދާ ގައުމެވެ.

މީގެ ކުރިން ވެސް އިންޑިއާގައި އުފައްދާފައިވާ ބައެއް ވައްތަރުތަކުގެ ބޭސް ބޭނުންކޮށްގެން ސިއްހީ މައްސަލަތަކެއް ފެންމަތިވެ، އެ ބޭސް ތައް ބޭނުންކުރުން މަނާކޮށްފައިވެ އެވެ.