އަވައްޓެރި އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން މެދުވެރިވި ވިހަ ބޭހެއް ކަމަށްވާ ކޯފް ސިރަޕްއަކީ ރާއްޖެ އެތެރެކޮށްގެން ވިއްކާ ބޭހެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
ވިހައެއްގެ ސަބަބުން އެ ބޭސް ބޭނުންކުރި ކުޑަކުދިންތަކެއް އިންޑިއާގައި ވަނީ މަރުވެފަ އެވެ. އެގޮތުން 17 ކުޑަކުދިން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ ކަމާ ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ބޭހުގައި ވިހަ މާއްދާއެއް އެކުލެވޭތީ އެ ބޭސް ބޭނުންކޮށް، ވިއްކުން ސައުތު އީސްޓް އޭޝިއަން ރީޖަން ނެޓްވޯކުން އެލާޓްކޮށްފައިވާ ކަމަށެވެ. އަދި އެ ބޭސް އުފެއްދި ތިން ކުންފުންޏަކީ ވެސް އެ އިދާރާއިން ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެ ތިން ކުންފުނިން އުފައްދާ ބޭސްތައް ރާއްޖެ އެތެރެކޮށްފައި ނުވާކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
އިންޑިއާއަކީ ބޭސް ފަރުވާގެ ކަން ކަމަށާއި ޗުއްޓީ ހޭދަކޮށްލަން ވެސް ގިނަ އަދަދެއްގެ ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމަކަށް ވުމުން އެ ކަމަށް ހުރިހާ އެންމެން ވެސް ސަމާލުވާން އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ އިދާރާއިން ބުނީ ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާއިން އަބަދު ވެސް މަަސައްކަތްކުރާ ކަމަށެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
އެގޮތުން ކުޑަކުދިންގެ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކުރަން ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ނުރައްކާތެރި ކެމިކަލް ހުރި ބޭހެއް ބުއިމުގެ ސަބަބުން އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ އުމުރުން ފަސް އަހަރުން ދަށުގެ 17 ކުއްޖަކު މަރުވެފައިވެ އެވެ. އެ ބޭހުގައި، ކެމިކަލެއް ހުންނަން ޖެހޭ ވަރަށް ވުރެ 500 ގުނަ އިތުރަށް ހުރި ކަމަށް ވަނީ ފާހަގަވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ކުންފުނީގެ ވެރިޔާ އެސް.ރަންގަނާތަން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި، އެ ބޭސް ލިޔެދިން ޑޮކްޓަރު ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.