އެއްވެ އުޅުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އޮތް ކަމެއް ކަމަށެވެ. އެެހެންވެ، އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާދެ. މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަ ހިމެނިފަ އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމަ އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.
ރާއްޖެ އަކީ ބިން ކުޑަ ގައުމެއް ކަމުން މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާނެ ކަމަށް ބުނެ އެއްވެ އުޅުން އިތުރަށް ހަނިކުރަން އުޝާމަށް ފެނޭތޯ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ސުވާލެއް ކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގައި އުޝާމް ވިދާޅުވީ، އެއްވެ އުޅުން ހިމެނޭހެން ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއްނެތި، ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"އެއްވެ އުޅުމުގެ ހައްގުތައް ބޭނުންކުރަންވާނީ ހަމަ އެހެން މީހުންގެ ހައްގުތަކަށް ވެސް ރިއާޔަތްކޮށްގެން. އިހުތިރާމް ކޮށްގެން،" އުޝާމް ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުތައް ބާތިލްކުރާނެ ކަމަށް މިދިޔަ ސަރުކާރުން ވެސް ބުންޏެވެ. ނަމަވެސް އެކަން ކުރެވިފައެއްނުވެ އެވެ.