‏ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގިކަމަށް ރިޕޯޓްކުރީ މި އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

‏މި ކޮންޓެއިނަރުތައް ހިފަހައްޓާފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ފަހު ކޮޅު ކަމަށްވެ އެވެ.‏ ‏ހިފެހެއްޓިތާ ފަސް މަސްވީއިރު ވެސް އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ކަމާ އެއްވެސް އިދާރާއަކުން ހާމަނުކޮށް ފޮރުވައިގެން ތިބީ އެވެ.‏ ‏މިއަދާ ހަމައަށް އައިރު ނޫސްކޮންފަރެންސެއް ބާއްވައި، ބޮޑު ދެ ކޮންޓެއިނަރު ގެއްލުމުގައި މުއައްސަސާތަކުގެ އިހުމާލު އޮތް މިންވަރެއް ބުނެލާކަށް ދައުލަތުގެ އެއްވެސް ވެރިއަކަށް ކެރިވަޑައެއް ނުގަތެވެ.‏

‏އަމިއްލަ ކުންފުންޏަކުން ނަމަވެސް ދައުލަތަށް މޮޅެއް ލިބޭނަމަ ކްރެޑިޓް ނަގަން އަރުވައިޖަހާގެން ދުއްވައިގަންނަ ވަޒީރުންގެ ވެސް ހިލަމެއް ނެތެވެ.‏ ‏ތިން އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން އޫރިދޫއިން ރާއްޖެއަށް ޕޭޕަލް ގެންނަން ކުރި މަސަކަތް ކާމިޔާބުވުމުން ވެސް ސަރުކާރުގެ މޮޅުކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ފެނުނެވެ.‏ ‏އެކަމަކު 24 ގަޑިއިރު ޑިއުޓީކުރާ ހުޅުމާލެ އެމްޕީއެލް ޕޯޓްގައި ހުރި ދެ ކޮންޓެއިނަރު ދުމަށް އަރައިގެން ދިޔައިރު ޒިންމާވާނެ ވެރިއަކު ނެތެވެ.‏ ‏ބޯޓެއް ހުސްކުރެވުނަސް ސޯޝަލް މީޑިއާގައި ކަރާފަޅާ ދައުލަތުގެ ޓީވީއަށް އަރައިގެން ބޮޑޭ ކަނޑާ ވެރިންގެ ބަސް ހުއްޓުނީ އެވެ.‏

‏ސަރުކާރުތައް ބަދަލުވި ނަމަވެސް ސިވިލްސާވިސްގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބޭ ބަދަލު ނުވާ މުވައްޒަފުންގެ ކޮރަޕްޝަނުގެ ވާހަކައަކީ ބާރަށް ދައްކާ އުޅޭ ވާހަކައެއް ނޫނެވެ. އަބަދުވެސް ދައްކާ އުޅެނީ ސިޔާސީ ގޮތުން މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ކޮރަޕްޓް ވާހަކަ އެވެ. ހަގީގަތުގައި އެ ފަރާތްތަކަށް ކޮރަޕްޓްވުމުގައި ކޮންމެ ސަރުކާރަކަށް އެއްބާރުލުންދޭ އާރުކާޓީއަކީ ސިވިލްސާވިސްގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބޭ ބަދަލު ނުވާ މުވައްޒަފުން ކަމެވެ.‏

‏ނުފޫޒުން ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް އެ ފަރާތްތައް ނުތެދުވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ.‏ ސިނގިރޭޓް ވައްކަމަށް ބަލާއިރު ވެސް މި މަންޒަރު އޮތީ ސާފުވާށެވެ. އެމްޕީއެލްގެ ވަޒީފާގެ އޮނިގަނޑު އޮންނަ ގޮތަށް ބަލާއިރު އާއްމު އުސޫލުގެ މަތިން ޑިއުޓީ ކުރަން ތިބޭނީ ޑިޕާޓްމަންޓްތަކުގެ ވެރިންނެއް ނޫނެވެ. އެކަމަކު ޑިއުޓީތަކަށް ބަދަލު ގެނެސް ބޭނުންވާ ގޮތަކަށް ކުޅިބައި އަތުރާލުމުގެ ބާރު އެމީހުންނާ ހަމާގައި އޮވެ އެވެ. ކެމެރާއެއް ކައިރީ ‏އެ ދުވަހު ޑިއުޓީކުރި ބައެއް އަދި އެ މީހުންގެ ސުޕަވައިޒަރެއް ވެސް ނެތީ އެވެ. މީހަކު ނޭފަތް ކަހާލިޔަސް ވީޑިއޯ ނަގައިގެން ދައުރުކުރާ ސީސީޓީވީ ކެމެރާތައް ވެސް ނިވާލެވުނީ ދައުލަތުގެ މުވައްޒަފުންތަކެއްގެ މަސައްކަތުން ނޫން ހެއްޔެވެ؟

‏ރިޔާ ނިވުނަސް ކެމެރާ ބަލަހައްޓަން ތިބޭ މުވައްޒަފުން ދުއްވައިގަންނައިރު، ކެމެރާ ސިސްޓަމް ހަލާކުވީ ކަމަށް ބުނެ ނޫނީ އަޕްގްރޭޑް މަސައްކަތެއް ދަނީ ކަމަށް ބުނެ ނިއްވާލައި ކަންކަން ފޮރުވާލުމަށް އައިޓީ ޑިޕާޓްމަންޓުގެ ވެރިންނަށް މާ ބޮޑު ދައްޗަކަށް ނުވާނެކަން މީހުން ދަނެ އެވެ.‏ ‏މި ހުރިހާ ކަމެއް އެނގޭއިރު ވެސް މި ބޮޑު ޖަރީމާއަށްފަހު ދައުލަތުގެ މުއައްސަސާއެއްގެ ވާހަކައަށް ވުރެ ދުރު ތިބި ބަޔަކު ނަގާން ޖެހިފައި އޮތް ޒިންމާ ބޮޑު ކަމަށް ސިފަވާނެ ފަދަ ތަހުގީގެއް ދަނީ ހިންގަމުންނެވެ.