ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތައް ބަދަލު ދިނުމަށްފަހު ދައުލަތަށް ނަގަންޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އިގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުމެއް ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް 13 ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ގޯތިތަކުގެ ސަބަބުން ދައުލަތަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިވާ އިރު، އެ ގޯތިތައް ދައުލަތަށް ނަގަން ޖެހޭ ކަމަށެވެ. އެއީ އެނާގެ އަމިއްލަ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ގޯތިތަށް ދައުލަތަށް ނަގަންޖެހޭ ކަމަށް ވިދާޅުވަނީ ކޮންމެހެން މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ނޫން ކަމަށާއި އެގޮތަށް ދެންނެވީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބެމުން ދާތީ ކަމަށެވެ.
"މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް މިތަނުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަަކައެއް ނޫން. ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޝުއޫރެއް މިއަދު މި ފާޅުކުރަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް ދީފައި އެ ހުރި، ހިލޭ ދީފައި އެ ހުރި ބިންތައް، އެތަނުގައި ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި، ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލު ދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ރާއްޖޭގެ 99 ޕަސެންޓު މީހުން ތާއީދުކުރާނެ ކަމަށެވެ. އެ ގޯތިތައް ދައުލަތަށް ނެގުމުން، 10 ވަރަކަށް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ބައެއް މީހުން އެމީހުންގެ ބިންތައް ވިއްކަން ވެސް އޭނާ ކައިރިއަށް ދިޔަ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސާބިތު ހިފޭ އެއްވެސް ހެއްކެއް އެނާ ނުދައްކަވަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދިރިއުޅެން ދިން ގޯތިތައް ވިއްކަން އޭގެ ތެރެއިން ބައެއް މީހުން މަސައްކަތް ކުރަމުން އަންނަކަމަށާއި އެގޮތުން 12 މިލިއަންގެ އަގުހުރި، ހިލޭ ސާބަހަށް ލިބުނު ގޯތިތައް 800،000ރ އަށް ވިއްކަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގޯތިތައް ދިން ބައެއް ފަރާތްތަކުން މިއުޅެނީ ކޮންކަހަލަ ކަމެއްގައި؟ އަޅުގަނޑުމެން ކައިރިއަށް އައިސްފި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ގޯތިތައް ވިއްކަން، ދިރިއުޅެން ދިން ގޯތި ވާހަކަ މި ދައްކަނީ، ގޯތި ވިއްކަން އައިސްފި، 12 މިލިއަން ރުފިޔާގެ އަގުހުރި ގޯތި ވިއްކަން މި އަންނަނީ 800،000ރ. އަށް، ހެޔޮތާ! ހިލޭ ލިބުނު އެއްޗެއްވިއްޔަ، ހެވެއްނު 200،000ރ. ލިބުނަސް! ހިލޭ ލިބުނު އެއްޗެއްވިއްޔާ ދައުލަތުން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ހާލުގައި ޖެހިގެން ސަރުކާރުން ހިލޭސާބަހަށް ގޯތި ދިނުމުން އޭގެ ނާޖައިޒް ފައިދާ ނަގަން ގޯތިތައް ނުއަގުފައި ވިއްކާލަން ބަޔަކު އުޅުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
ގޯއްޗާއި ފްލެޓްތައް ބޭނުންކުރެވޭ ގޮތް ހަދައިދޭން ގޮވާލައިފި
ތަންތަނަށް ދިޔުން މަނާކުރަން އުޅޭ ސަބަބު އެނގިއްޖެ: ޔާމީން
ކުންފުނީގެ ހިއްސާދާރަކަށް އުޅުނު ކަމަށް ސިރުހާން އެއްބަސްވެއްޖެ