ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށް، އަދި ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓު ކަސްޓްމަސް އިން އާންމުކުރަން ފަށާފައިވާއިރު، އެ ލިސްޓުގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ވެސް ހިނމެނޭކަން ހާމަވެއްޖެ އެވެ.

ދުންފަތުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓު، އެ ގާނޫނުގައި ލާޒިމުކޮށްފައި އޮންނަ ގޮތުގެ މަތިން ކަސްޓަމްސް އިން އާންމުކުރަން ފަށާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސް އިން އާންމުކުރި ލިސްޓުގެ 58 ވަނަ ނަންބަރުގައި އޮންނަނީ ޝަހީމްގެ ދަރިކަލުން މާހިލްގެ ނަމެވެ.

ކަސްޓަމްސް އިން ހާންމުކުރި މި ލިސްޓުން ފެންނަ ގޮތުގައި މާހިލް ކަސްޓަމްސްއަށް ނުދައްކާ އޮތް ފައިސާ 1.23 މިލިއަން ރުފިޔާއަށް އަރަ އެވެ.

ލިސްޓު އާންމުކުރި އިއުލާނުގައި ކަސްޓަމްސްއިން ބުނީ ފައިސާ ނުދައްކާ ހުރި މައްސަލަތައް ބަލަމުންދާ ކަމަށާއި އެ ތަހުގީގުތައް ނިމެމުންދާ ވަރަކަށް ލިސްޓު އަދާހަމަކުރާއިރު އޭގެ ތަފުސީލުތައް ހިމަނާނެ ކަމަށެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ދުންފަތުގެ ޖޫރިމަނާ ނުދައްކާ ޖުމުލަ 680 ފަރާތެއް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކާ އޮތް ސަލްޓަންސް އޮފް ސީސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އެކަނި އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއަށް 110 މިލިއަން ރުފިޔާ އަރަ އެވެ.

ޝަހީމްގެ ދަރިކަލުން މާހިލް އާއި އިތުރު މީހަކު ގިނަ އަދަދެއްގެ ވޭޕް ސާމާނުތަކަކާ އެކު އަތުލައިގަތީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭ މެލޭޝިއާއިން ރާއްޖެ އައި ވަގުތު އެއާޕޯޓުގައި ތިބި ކަސްޓަމްސްގެ އޮފިސަރުންނެވެ. އެ ދެ މީހުންގެ އަތުން ވެސް ގިނަ އަދަދެއްގެ ވޭޕް ސާމާނު ހިފަހެއްޓި އެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެ ރޭ އެ ދެ މީހުންގެ އަތުން 200އަށް ވުރެ ގިނަ ވޭޕް ސްޓިކް އަތުލައިގެންފައިވެ އެވެ. އެގޮތުން ޝަހީމް ގެ ދަރިކަލުން މާހިލް އެތެރެކޮށްފައި ވަނީ 100އެއްހާ ވޭޕް ސްޓިކް އެވެ. ދެން ހުރި މީހާ އަތުން ވެސް ގާތްގަނޑަކަށް އެ އަދަދަށް ވޭޕް ސްޓިކް އަތުލައިގެންފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި މައްސަލަ ތިލަވި އިރު މާހިލް ހުންނެވީ ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާ، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ވެސް ގޮތުގަ އެވެ. ނަމަވެސް މި ކަމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވުމާ އެކު، މާހިލް އެ ބޯޑުން އިސްތިއުފާ ދެއްވި އެވެ.

ދަރިކަލުން މާހިލްގެ ދިފާއުގައި ބައްޕާފުޅު ޑރ ޝަހީމް ވަނީ ގިނަ ޕޯސްޓުތައްކެއް ސޯޝަލް މީޑިއާދައި ކުރައްވާފަ އެވެ. އެގޮތުން ވޭޕްތައް ފެނުނު ކަމަށް ބުނެ ދެކެވޭ ވާހަތަކަކީ ކަނޑައެޅިގެ ދޮގެއް ކަމަށާއި އެއީ ދަރިކަލުންގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ކުރާ ދޮގު ތުހުމަތުތަކެއް ކަަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.