ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އިތުރުފުޅު ހައްދަވައިފި އެވެ.
ޝަހީމްގެ ފޭސްބުކު ޕޯސްޓަކަށް މީހަކު ވަނީ އެ މިސްކިތުގެ އަޕްޑޭޓަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އެބަކުރިއަށްދޭ" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް މިހެން ވިދާޅުވިފަހުން "ހުރިހާ"ގެ ނިވްސް ޓީމުން އެ މިސްކިތް އިމާރާތްކުރާ ސަރަހައްދަށް ގޮސް ބެލިއިރު އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. މަސައްކަތް ވަނީ ކުރިއެކޭ ވެސް އެއްގޮަތަށް ހުއްޓިފަ އެވެ.
އެ މިސްކިތް އިމާރާތް ކުރާ ސަރަހައްދުގައި ހުރި ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް "ހުރިހާ"އާ ހިއްސާކޮށްފަ އެވެ.
"މި ސަރަހައްދުގައި މި ހުންނަނީ ވަގުތީ މިސްކިތެއް. މެންދުރު ނަމާދު ވަގުތުގައި މިސްކިތް ތެރެ އެހާ ހޫނު. އެސްޖޭއިން އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ކުރާ މަންޒަރެއް މިތަނުގައި އުޅޭ އެއްވެސް މީހަކަށް ނުފެނޭ. މިނިސްޓަރު ޝަހީމަށް އެ މަންޒަރު ފެންނަންޏާ ތިޔައީ ވަރަށް ބޮޑު އަޖައިބެއް،" ހިޔާ ޓަވަރެއްގައި ދިރިއުޅޭ މީހަކު ކަންބޮވުންފާޅުކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން މި އަހަރުގެ ކުރީކޮޅު އެ މިސްކިތާ ގުޅޭގޮތުން ކުރި ސުވާލަށް އިސްލާމިކް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ އޭރު ކުރިއަށްދަނީ އެ މިސްކިތުގެ ކޮންކްރިޓް އާޗްތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ޑިސެމްބަރަށް މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭރު މިނިސްޓްރީން ބުންޏެވެ. އެކަމަކު އެ މިސްކިތުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
"ޑިސެމްބަރަށް މި މިސްކިތުގެ މަސައްކަތް ނުނިމޭނެ. މަސައްކަތް ކުރިއަށްނުދާ މިސްކިތެއް ކިހިނެތްތޯ މި އަހަރުގެ ބާކީ މި އޮތް ދުވަސްތަކުގައި ނިންމާނީ،"
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޖޭ ކުންފުންޏާ ހަވާލުކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަކާ ގުޅިގެން މިދިޔަ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ.
ޒިކުރާ މިސްކިތުގެ މަޝްރޫއު ކުރިއަށްގެންދަން ޔާމީންގެ ސަރުކާރުން އިކުއިޑިޓީގެ ގޮތުގައި އެސްޖޭއަށް 30 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެއްބަަސްވުން ބާތިލްކުރުމަށްފަހު އެ 30 މިލިއަން ހޯދަން މިދިޔަ ސަރުކާރުން އެސްޖޭއާ ދެކޮޅަށް ދައުވާކުރުމުން އެ ކުންފުނީގެ އެދުމުގެމަތިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ސެޓްލްމަންޓް އެގްރީމެންޓެއް ހެދި އެވެ.
ކޯޓުން ބޭރުގައި އެއްބަސްވިގޮތަކީ އެ 30 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށެވެ. އެގޮތުން ޖެނުއަރީ 23، 2022 ވަނަ ދުވަހު ވަނީ އެ މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާގޮތުން 30 މިލިއަނަށްވުރެ އިތުރަށް މިސްކިތަށް ހަރަދުވާ ފައިސާ ހަމަޖައްސަނީ އެސްޖޭގެ ސީއެސްއާރްގެ ދަށުންނެވެ.
ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އެސްޖޭ ކުންފުންޏަށް ސުވާލުތަކެއް އަމާޒުކޮށްފައިވެ އެވެ. އެކަމުގެ ރައްދުގައި އެސްޖޭގެ ބޯޑު ޑިރެކްޓަރު ޝިހާދު ވަނީ އެކި މީހުންނަށް ފުރައްސާރަކޮށްފަ އެވެ.
މިސްކިތުގެ މަސައްކަތް ނުކުރިޔަސް އެސްޖޭއިން އަންނަނީ އެހެން ޕްރޮޖެކްޓުތައް ހިންގަމުންނެވެ. އެގޮތުން ހުޅުމާލޭގައި ރިއަލް އެސްޓޭޓް ފްލެޓްތަކެއް ވެސް އެ ކުންފުނިން އަޅަމުންދެ އެވެ. އަދި ޅ. ކުރެންދޫގައި ސޯޝަލް ހައުސިންގެ މަޝްރޫއެއް ވެސް އަންނަނީ ހިންގަމުންނެވެ. އެ ކުންފުނިން އަންނަނީ ބޮޑުއަގުގައި ހުޅުމާލެއިން ވެސް ބިން ގަންނަމުންނެވެ. ހުޅުމާލޭގައި އެސްޖޭއިން ހިންގާ އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަނީ މިސްކިތު ޕްރޮޖެކްޓަށް ގެނެސްފައިވާ ބިދޭސީން ލައްވަ އެވެ. އެ ބިދޭސީން މިސްކިތް އަޅާ ސަރަހައްދުގައި ހުރި ސައިޓުން ނުކުމެގެން އެހެން ސަރަހައްދުތަކަށް މަސައްކަތުދާ މަންޒަރު ފެންނަ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނެ އެވެ.
މި މިސްކިތުގެ މަސައްކަތް ނުނިމި ވަނިކޮށް، އެސްޖޭގެ ހަރަދުގައި ޒިކުރާ މިސްކިތް ތިން ބުރިއަށް އެޅުމަށް 2024 ވަނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ. ނަމަވެސް އެސްޖޭގެ އަމިއްލަ ހަރަދުގައި އަޅާ އެ މިސްކިތުގެ އަމަލީ މަސައްކަތް މިހާތަނަށް ފަށާފައެއްނުވެ އެވެ.
"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
