ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14 މީހަކަށް ލިބިފައިވާ ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދިނުމަށް ރާޢްޖޭގެ ޒަކާތު ހައުސް ނިންމައިފިއެވެ.
ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް މީހުންނަށް، ފުލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ، އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާކުރުމަށްފަހު، އެ މީހުންނަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފަގީރުންގެ ދަފްތަރުގައި ހިމެނޭ 14 މީހަކަށް ފްލެޓުގެ ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 340،000ރ. ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް އެ ފަންޑުން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ އެ ފައިސާ ސީދާ އަމިއްލަ އެކައުންޓަށް ޖަމާކޮށްދިނުމުގެ ބަދަލުގައި ފައިސާ ދައްކާނީ ކަމާ ގުޅުންހުރި އިދާރާއަށް ކަމަށެވެ. އަދި އެމީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ބަލާ، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބަލާނެ ކަމަށް ވެސް ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ ފަގީރުކަމުގައި ތިބި މީހުން ތަނަވަސް ހާލަތަކަށް ގެނައުމަކީ ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށާއި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޒަކާތު ބެނެފެޝިއަރީ ކާޑެއް ތައާރަފު ކުރަން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ކާޑު ތައާރަފު ކުރުމުން ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރޯދަ މަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް އެ ޒަކާތު ހައުސްއިން ބުނެ އެވެ.
ފަގީރުންގެ ފުލެޓުތަކުގެ ޑައުން ޕޭމަންޓު ދައްކައިދޭން ނިންމިއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ހަވާލުކުރަމުން އަންނަ ފުލެޓު އެޕާޓުމަންޓުގެ ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ. އެހެންވެ، އެ ކުލި ކުޑަކުރުމަށް ފުލެޓުގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި