ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުގެ ހައްދުފަހަނއެޅި ޔަހޫދީ ފައުޖުތަކުން ޔަހޫދީން ހިންގި ގަތުލުއާންމު މެދުކަނޑައިލުމާ އެކު، ގާޒާގެ ބޭންކުތައް އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ.
ބޭންކްތައް އަލުން ހުޅުވައި ހިދުމަތް ދޭން ފެށި ނަމަވެސް، ބޭންކުގެ ހިދުމަތްތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ސަބަބަކީ، އާންމުންނަށް ދޫކުރާނެ ފައިސާ ނެތުމެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާ ނެތުމުން، ގަތުލުއާންމަށް ފަހު ވެސް ގާޒާގެ ރައްޔިތުންގެ ނިކަމެތި ހާލަތަށް ތަސައްލީއެއް ލިބިފައި ނުވާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ދެ އަހަރަށް ދެމިގެން ދިޔަ ގަތުލުއާންމުގައި ޔަހޫދީ ފައުޖުން ބޮންއަޅައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ތެރޭގައި ގާޒާގެ ބޭންކުތައް ވެސް ހިމެނެއެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލިތާ ދެ ހަފުތާ ފަހުން، އޮކްޓޫބަރު 16ގައި މި ވަގުތު ކޮޅަށް ހުރި މަދު ބޭންކުތައް ވަނީ ހުޅުވާފައެވެ. އަދި، ބައެއް ހިދުމަތްތައް ދޭން ފަށާފައެވެ. ނަމަވެސް، އެ ތަންތަނުގައި ދެމިފައި އޮތް ބޮޑެތި ކިޔޫތަކުގައި އެތަކެއް ގަޑިއިރަކު މަޑުކުރުމަށް ފަހު ގާޒާގެ ޢާންމުން އެނބުރި ގެއަށް އެނބުރި ދަނީ ހުސްއަތާ އެވެ.
ޔަހޫދީންގެ ގަތުލުއާންމު މެދުކަނޑައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގައިވެން އޮކްޓޫބަރު 10ވަނަ ދުވަހު އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ގާޒާއަށް ފައިސާ އެތެރެ ކުރުމާ ބެހޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައެއް ނެތެވެ. އަދި، ގާޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން އަދިވެސް ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
ގާޒާ އުދުވާނުގެ ދަށުން އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އެޅުމާ ގުޅިގެން، ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ހޯދުމަށް ގާޒާގެ ރައްޔިތުންނަށް އަމިއްލަ މުދާ ވިއްކައިލުމަށް މަޖުބޫރުވި އެވެ. ގާޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާއިރު، ގިނަ މީހުން އަތުގައި މި ވަގުތު އެއްވެސް މުދަލެއް ވެސް ނެތެވެ. ފައިސާއެއް ވެސް ނެތެވެ. ކާބޯތަކެތި ގަތުމަށް އޭގެ ތެރެއިން ބައެއް މީހުން މިއަދު ދަނީ ބޭންކުގެ އޮންލައިން އެޕްލިކޭޝަން ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރަމުންނެވެ. ނަމަވެސް، ކުކުޅު ބިހާއި ހަކުރު ފަދަ ތަކެތި އަދިވެސް ލިބެން ހުރީ ބޮޑެތި އަގުތަކެއްގައި ކަން ގާޒާގެ ރައްޔިތުން ފާހަގަކުރި އެވެ.
އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!