ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮތް އިތުރު ކުންފުންޏަކަށް 17.5 މިލިއަން ރުފިޔާގެ މަޝްރޫއު ބަހާލިކަން ހާމަވެއްޖެ އެވެ.

މަޝްރޫއުތައް ބަހާލި އަބްދުއްރަހީމްގެ މަސްލަހަތު އޮތް އިތުރު ކުންފުންޏަކީ އެފްޖޭ ޑިޒައިން އެވެ. ބިޒްނަސް ޕޯޓަލްގައިވާގޮތުން އެ ކުންފުނީގެ އޯނަރަކީ އަބްދުއްރަހީމްގެ އަނބިކަނބަލުން ދިޔާނާ ހުސައިންގެ ކޮއްކޮ ފަތުހުﷲ ޖަމީލެވެ.

އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ހަތް ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތެވެ. އެއީ، ލ. މާމެންދޫ، މާބައިދޫ، ދ. ހުޅުދެލި، ބަނޑިދޫ، މ. މަޑުއްވަރި، ތ. ގާދިއްފުށި އަދި ދިޔަމިގިލީގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށެވެ. މި ހަތް މަޝްރޫއުގެ ޖުމުލަ އަގަކީ 17.5 މިލިއަން ރުފިޔާ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަސްމާރުކޭޓް ހިންގަން ވެސް ހަވާލުކުރީ އެފްޖޭ ޑިޒައިންއާ އެވެ. މަސް މާރުކޭޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރި މީހުންގެ ތެރޭގައި އަބްދުއްރަހީމްގެ ދަނބިދަރި އަދި ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޒާހިރު ވެސް ހިމެނެ އެވެ.

މީގެއިތުރުން ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވެސް އަބްދުއްރަހީމްގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

އަބްދުއްރަހީމްގެ އަނބިކނަބަލުން ދިޔާނާ ހުސައިން އާއި ދަރިކަނބަލުން ފާތިމަތު ސަބާހާގެ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ 139،295،700ރ. އަށެވެ.